ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފަށައިފި

ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މި އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މެމޮގްރަފީއަކީ އުރަމަތީ ކެންސަރުގެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ ހާލަތުގައިވެސް، އެ ބާވަތުގެ ކެންސަރު ޖެހިފައިވޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. މި ޚިދުމަތް ފެށުމާއެކު، އުރަމަތީ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

މީގެއިތުރުން، ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ރޭ ވަނީ ހަވާލުކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ނިމުމުން އާބަން ސެންޓަރުތަކުގައި ހުންނަންވާ ފެންވަރަށް ސިއްޙީ ޚިދުމަތް އޭދަފުށިން ލިބޭނެ ކަމަށެވެ.

އެހެންނަމަވެސް، މިވަގުތު ހޮސްޕިޓަލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. މި މައްސަލަ އާ ހޮސްޕިޓަލް އިމާރާތް ނިމުމުން ހައްލުވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މި އާ ޚިދުމަތް ފެށުމާއެކު، ބ. އަތޮޅުގެ ރައްޔިތުންނަށް އުރަމަތީ ކެންސަރު ދެނެގަތުމަށް ކުރަންޖެހޭ ދަތުރުތައް މާލެއަށް ކުރަން ނުޖެހި، ރަށުގައި ތިބެގެން މި މުހިންމު ޚިދުމަތް ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.