ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަނީ

ބ. ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ދަރަވަންދޫ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ވީރައީސް ވިދާޅުވި ގޮތުގައި ދަރަވަންދޫގައި މިހާރު ހުރި ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މި އަހަރު ތެރޭގައި ޑަޔަލިސިސް އަދި އެކްސް-ރޭގެ ހިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

 “ޑަޔަލިސިސް މެޝިންތައް މި ރަށާ ހަމައަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. ދާދި އަވަހަށް އެ ހިދުމަތްތައް ފެށޭނެ،” ރައީސް ވިދާޅުވި އެވެ.

ދަރަވަންދޫގައި ހޮސްޕިޓަލެއް ގާއިމުކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި ދަރަވަންދޫއަކީ ޓޫރިޒަމް ދާއިރާގައި ކުރިއަރާފައިވާ ރަށަކަށް ވެފައި، އެއާޕޯޓު އޮންނަ ރަށަކަށް ވުމާއެކު، އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް މި ހިދުމަތް ލިބުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން، ދަރަވަންދޫގެ އެހެނިހެން ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި ޕާސްޕޯޓްގެ ހިދުމަތް ވެސް ލަސްތަކެއް ނުވެ ފެށޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބ. އަތޮޅުގެ 12 ވަނަ ރަށެއްގެ ގޮތުގައި މިއަދު ހަވީރު ވަޑައިގެންނެވި ދަރަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްގީއަށް ގެންނަން ރޭވިފައިވާ ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.