
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އަތޮޅުގެ ދިހަ ރަށެއްގައި އޭޓީއެމް ހުޅުވައި، މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ބޭންކުން މިއަދު އަލަށް އޭޓީއެމްގެ ހިދުމަތް ތައާރަފްކުރީ މިއަތޮޅުގެ މާޅޮހުގަ އެވެ. އޭގެ ކުރިން މި ހަފްތާތެރޭ މިއަތޮޅު ހިތާދު އާއި ކިހާދު އާއި ދޮންފަނާއި ގޮއިދޫ އާއި ފުޅަދޫ އަދި ފެހެންދޫގެ އިތުރުން ކަމަދު އާއި ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްފަ އެވެ.
މި ރަށްތަކުގައި އެ ހިދުމަތް ތައާރަފު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހަފްތާ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމާއެކު، މި އަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ބެހެއްޓުނީ ކަމަށް އެ ބޭންކުން ބުންޏެވެ.
މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުއަކީ މިހާތަނަށް އެ ބޭންކުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށާއި އެއީ ރައްޔިތުންގެ މާލީ ބާރުވެރިކަން އިތުރުކުރުމާއި ރަށުގެ ތަރައްގީއަށް ދޭ އިސްކަން ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލް އިން 1982 ވަނަ އަހަރު ބޭންކުގެ ފުރަތަމަ ބްރާންޗް ހުޅުވީ މާލޭގަ އެވެ. އެ ބޭންކުން އަންނަނީ މާލީ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ އަހުމިއްޔަތުކަމެއް ދީގެން ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ހިދުމަތްތައް ފުޅާކުރަމުންނެވެ.