
ކްލަބް މޯލްޑިވްސް ކިންގްސް ކަޕް ފައިނަލުގައި އޭދަފުށި ސީސީ ސްޕޯޓްސް ކްލަބުން މިރޭ ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާ ދެކޮޅަށް ނުކުންނާނެއެވެ.
މުބާރާތުގައި ސީސީ ސްޕޯޓްސް ކްލަބުން އޭދަފުށި ތަމްސީލުކުރަނީ އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. ސީސީން މުޅި ރަށް ތަމްސީލުކުރަނީ އޭދަފުއްޓަށް އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯދައިދިނުމުގެ އަޒުމުގައެވެ.
ކިންގްސް ކަޕްގައި މިފަހަރު ވާދަކުރި 8 ޓީމު ދެ ގްރޫޕަކަށް ބަހާލިއިރު އޭދަފުށި ހިމެނުނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުން އޭދަފުށި ވަނީ ދެވަނަ ހޯދައިފައެވެ. ހަމައެކަނި ބަލިވީ ނައިވާދޫ އަތުން ފުރަތަމަ މެޗުގައެވެ. އެ މެޗުގައި 1-4 އިން ބަލިވި ނަމަވެސް ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާތައް ރަނގަޅުކުރިއެވެ.
ދެވަނަ މެޗުގައި 0-5 އިން ކާށިދޫ ބަލިކޮށް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އައްޑޫ ސިޓީގެ މައިލޯ ސިޓީއާ ވާދަކޮށް 0-2 އިން މޮޅުވިއެވެ. ސެމީ ފައިނަލުގައި އޭދަފުށި ނުކުތީ މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި ޖޯލި މޯލްޑިވްސްއާ ދެކޮޅަށެވެ. އެ މެޗުން އޭދަފުށި މޮޅުވީ 0-2 އިންނެވެ.
ފައިނަލުގައި އާރުއާރުސީއާ ދެކޮޅަށް ނުކުންނައިރު، އެއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއް ފުޓްސަލް ޓީމެވެ. ފެންވަރު ރަނގަޅު ބައިވަރު ކުޅުންތެރިންނާއެކު އާރުއާރުސީން ކިންގްސް ކަޕަށް ނެރުނީ ވަރުގަދަ ޓީމެކެވެ. އާރުއާރުސީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 2-4 އިން ނައިވާދޫ ބަލިކޮށްގެންނެވެ.

ސެމީ ފައިނަލް މެޗަށް ފަހު އަދަދު ސްޕޯޓްސްއާ ވާހަކަދައްކަމުން ސީސީ ސްޕޯޓްސްގެ ކޯޗު ފައުޒާން ހަބީބު ބުނީ އާރުއާރުސީ ފައިނަލަށް އައީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. ސީސީން އެވަރަށް ޕްރެކްޓިސް ނުކުރިޔަސް އޭދަފުށީގައި ތިބީ މަތީ ލެވެލްގެ ކުޅުންތެރިން ކަމަށް ފައުޒާން ބުންޏެވެ. އަދި، ގިނަ ކުޅުންތެރިން ގައުމީ ފުޓްސަލް ޓީމާއެކު ފަރިތަކޮށް، އަދި ކްލަބް މޯލްޑިވްސް ޓީމުތަކާއެކު ފަރިތަކުރުންތައް ކުރިއަށްދާތީ ފިޓްނަސްއާ މެދު ޔަގީންކަން އެބައޮތް ކަމަށް ފައުޒާން ބުންޏެވެ.
ކިންގްސް ކަޕް ފައިނަލަށް ސީސީ ސްޕޯޓްސް ކްލަބުން އޭދަފުށި ތަމްސީލުކުރަން ނުކުންނައިރު، މިދިޔަ އަހަރުތަކުގައި އޭދަފުށިން ވަނީ ފުޓްބޯޅައާއި ފުޓްސަލްގެ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
ފުޓްސަލްގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ހާފް އައިލެންޑް ކަޕްގެ ޗެމްޕިއަންކަން 2014 ވަނަ އަހަރު އޭދަފުށި ހޯދި އެވެ. އޭގެފަހުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފޯރީގައި ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އޭދަފުށީ ފުޓްބޯޅަ ޓީމުން 2016 ވަނަ އަހަރު ހޯދި އެވެ.
އޭދަފުށިން ގޯލްޑަން ފުޓްސަލްގައި ވާދަކުރަމުން އައިސް 2024 ވަނަ އަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދި އެވެ. އަދި، 2024 ވަނަ އަހަރު މުޅި ރާއްޖޭގެ ސަމާލުކަން ހޯދި ގޯލްޑް ކަޕްގެ ފަހުރުވެރި ޗެމްޕިއަންކަން ވެސް ހޯދީ އޭދަފުށިންނެވެ.
ފުޓްބޯޅައިގެ ކާމިޔާބު ދިގު މާޒީއެއް އޮތް އޭދަފުށިން މިރޭ ނުކުންނަނީ އަނެއްކާވެސް ކާމިޔާބީގެ ބޮޅެއް އިތުރުކުރާށެވެ. އާރުއާރުސީއާ ދެކޮޅަށް އޭދަފުށި ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. ސީސީ ސްޕޯޓްސް ކްލަބުން އެދެނީ އެންމެންވެސް ރަތް ކުލައިގައި މިރޭ އޭދަފުއްޓަށް ސަޕޯޓް ކުރުމަށް ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑަށް ދިއުމަށެވެ.