އޭދަފުއްޓަށް ކުޅެން ލިބުމަކީ ޝަރަފެއް: އަޔާ

އަޔާޒް އަހުމަދު (އަޔާ) ފޮޓޯ/ ފޮޓޯ: ހުސައިން ޝައްމާހް އަހުމަދު

ކިންގްސް ކަޕްގައި މިފަހަރު އޭދަފުށި ތަމްސީލުކުރަން ލިބުމަކީ ކެރިއަރުގައި އޭނާއަށް ލިބުނު ޝަރަފެއް ކަމަށް ރާއްޖޭގެ ފުޓްސަލްގެ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) ބުނެފިއެވެ.

ކިންގްސް ކަޕްގައި އަޔާ އޭދަފުށި ތަމްސީލުކުރަނީ ސީސީ ސްޕޯޓްސް ކްލަބާ އެކުއެވެ. ސީސީ ސްޕޯޓްސް ކްލަބަކީ އެންމެ ފަހުން އޭދަފުށީގައި ބޭއްވި ކައުންސިލް ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމެވެ. އެޓީމަށް ކިންގްސް ކަޕުން ފުރުސަތު ލިބުނީ ވެސް ރަށު ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ.

ކިންގްސް ކަޕްގައި އޭދަފުށީގެ ސީސީ ސްޕޯޓްސް ކްލަބް މިރޭ ނުކުންނާނީ ވަރުގަދަ ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާ ދެކޮޅަށެވެ. މެޗުގެ ކުރިން “އޭދަފުށި ޓައިމްސް” އަށް ދިން އިންޓަވިއުއެއްގައި ގދ. ވާދޫއަށް އުފަން އަޔާ ވަނީ އޭދަފުށި ތަމްސީލުކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު އުފަލަކާއި ޝަރަފެއް ކަމަށް ބުނެފައެވެ. އަޔާ ބުނީ އޭނާ އުފަން ރަށުގެ ޖާޒީގައި ކުޅޭ ފޯރީގައި މިރޭ އޭދަފުއްޓަށް ކާމިޔާބީ ހޯދައިދޭން މަސައްކަތްކުރާނެ ކަމަށެވެ.

“އޭދަފުއްޓަށް ކުޅެން ލިބުމަކީ ޝަރަފެއް. ވަރަށް ކުޅޭހިތުން މި ކުޅެނީ. ވާދޫއަށް އަޔާ ކުޅޭ ފޯރީގަ އިރާދަކުރެއްވިއްޔާ ފައިނަލުގައި ވެސް ކުޅޭނަން. ވަރަށް ބޭނުން މި ތަށި ސީސީއަށް ހޯދައިދޭން” އަޔާޒް އަހުމަދު (އަޔާ)

އޭދަފުށި ތަމްސީލުކުރަން ލިބުނު ފުރުސަތުގައި އަޔާ އިތުރަށް ބުނީ “އޭދަފުއްޓޭ ބުނުމުން ނޭނގޭ މީހަކު ނުހުންނާނެ. އޭދަފުށީ ވަނީ ހުރިހާ ކާމިޔާބީއެއް ހޯދާފަ” ކަމަށެވެ.

އަޔާ ބުނީ ފައިނަލުގައި ނުކުންނަ އާރުއާރުސީ ޓީމަކީ ވަރަށް ވަރުގަދަ ކްލަބެއް ކަމަށާއި، ކްލަބް މޯލްޑިވްސްގައި ވެސް ކުޅޭ ޓީމަކަށް ވާތީ، މިރޭގެ އެޓީމު ވަރަށް ޗެލެންޖިން ވާނެ ކަމަށެވެ.

“އާރުއާރުސީއަކީ ބޮޑު ކްލަބެއް ވީމަ އެޓީމަށް ސަޕޯޓް އޮންނާނެ ވަރަށް. އަނެއްކާ ސީއެމްސީ ކުޅޭ ޓީމެއް ވީމަ އެޓީމު ވަރުގަދަވާނެ. ސީސީން ވަރަށް ބޭނުންވޭ މި ތަށި އޭދަފުށީގަ ބަހައްޓަން. ރަށް އެއްކޮށް އޮންނާނީ ސީސީއާއެކު” އޭދަފުށީގެ ސަޕޯޓަރުންނަށް ދައުވަތު ދެމުން އަޔާ ބުންޏެވެ.

އަޔާ އަކީ ގިނަ އަހަރުތަކެއް ވަންދެން ފުޓްސަލްގައި އެއްފެންވަރެއްގައި ހިފަހައްޓަމުން އަންނަ ރާއްޖޭގައި އެންމެ މަޝްހޫރު އަދި އަދި އެންމެ ޑިމާންޑް ބޮޑު އެއް ފުޓްސަލް ކުޅުންތެރިޔާއެވެ.

ސީސީ ފައިނަލަށް ކުރި ދަތުރުގައި އަޔާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ސެމީ ފައިނަލުގައި އޭދަފުށިން ޖޯލި މޯލްޑިވްސް ބަލިކުރި މެޗުގައި ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އަޔާ އެވެ.

އޭދަފުއްޓާއި އާރުއާރުސީއާ ވާދަކުރާ ކިންގްސް ކަޕް ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މެޗު ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައެވެ. މެޗުގައި އޭދަފުށީގެ ސީސީ ބޭނުންކުރާނީ ރަތް ޖާޒީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.