އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރު ބޮޑުކުރަނީ

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް މިހާރު ދެމުންދާ އެލަވަންސް، ކޮންމެ ކުއްޖަކަށް މަހަކު 3،000 ރުފިޔާގެ ރޭޓުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.

ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ މި ވައުދު ފުއްދުމަށް އަންނަ އަހަރުގެ ބަޖެޓުގައި 211 މިލިއަން ރުފިޔާ ހިމަނުއްވާފައިވާނެ ކަމަށެވެ. މިހާރު އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކަށް ލިބެމުންދަނީ 2،000 ރުފިޔާ ކަމަށާއި، އެއް ކުއްޖަކަށް ވުރެ އިތުރުވާނަމަ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ ރޭޓުން ދެމުންދާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި އެލަވަންސް ލިބެންޖެހޭ 5،878 މީހުން މިހާރު ވެސް ރަޖިސްޓަރީވެފައި ވެއެވެ. އަދި މިދިޔަ މަހު އެކަނި ވެސް އަލަށް 69 ކުއްޖަކު ރަޖިސްޓަރީވެފައިވާ ކަމަށާއި، މިދިޔަ އޮގަސްޓް މަހު އެކަނި ވެސް މި އެލަވަންސްގެ ގޮތުގައި 4.9 މިލިއަން ރުފިޔާ އެންސްޕާއިން ދޫކޮށްފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ތެލެސީމިއާ ކުދިންނަށް އަލަށް 1،000 ރުފިޔާގެ އިނާޔަތެއް އަންނަ ޖެނުއަރީ މަހުން ފެށިގެން ދޭން ފަށާނެ ކަމަށް ވެސް ރައީސް މުއިއްޒު އިއުލާންކުރެއްވި އެވެ. މި އިނާޔަތަށް އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ހިމަނުއްވާފައިވާ ކަމަށާއި، މިހާރު 982 ތެލެސީމިއާ ކުދިން ރަޖިސްޓަރީވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.