
ބ. ފެހެންދު އާއި ކުޑަރިކިލު ހިމެނޭގޮތަށް، ޖުމްލަ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މުހިންމު މަސައްކަތެއް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގައެވެ. މި މަޝްރޫޢުގެ ދަށުން އެ ރަށްރަށުގައި ކުޑަކުދިންނަށް ޚާއްސަ މާޙައުލެއް ޤާއިމުކުރެވިގެންދާނެއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ވުޒާރާގެ ރަށްވެހި މާލަމުގައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރުއެވެ.
މި އެއްބަސްވުމުގެ ދަށުން އެޗްޑީސީއާ ހަވާލުކުރެވުނު 32 ރަށުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގިނަ އަދަދެއްގެ ރަށްތައް ހިމެނެއެވެ؛ މިއީ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ 32 ރަށުގެ މަސައްކަތުގެ އެއްބަސްވުމެކެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ކުދިން ހެދިބޮޑުވުމަށާއި މުނިފޫހިފިލުވުމަށް ކޮންމެ ރަށެއްގައިވެސް ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުން ހިމެނެނީ ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ،
“މި މަސައްކަތްތައް 2026 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައި” ކަމަށެވެ. މި މަޝްރޫޢަކީ ކުޑަކުދިންގެ ދުޅަހެޔޮކަމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު އަންގައިދޭ މަޝްރޫޢެކެވެ.
ވަޒީރު ދެއްވި ތަފްސީލުތަކުގައި ވިދާޅުވީ، ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 57 ރަށެއްގައި މުޅިން އަލަށް ޕާކު ތަރައްޤީކުރެވޭނެ ކަމަށާއި، 73 ރަށަކަށް ޕާކު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދައިދެވޭނެ ކަމަށެވެ. މީގެ އިތުރުން 115 ރަށުގެ ކުޑަކުދިންގެ ޕާކު ޚިދުމަތް ދެވޭނެކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.

