އިންވިޓޭޝަން ކަޕް: ދޮންފަނު ކުޅުނު ދެވަނަ މެޗުންވެސް އެއްވަރު

dhonfanu

އަތޮޅުގެ ރަށްތަކަށް ދައުވަތު ދީގެން “ދޮންފަނު އިންވިޓޭޝަން ކަޕް” 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ދޮންފަނާއި ދަރަވަންދޫ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 އިންނެވެ.

މިއަދުގެ މެޗުގައި ލީޑު ނެގީ ދަރަވަންދޫ ޓީމުންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 42 ވަނަ މިނިޓުގައި ސާމިހު ޢަލީ ޝަރީފް އެވެ. ނަމަވެސް އޭގެފަހުން ދޮންފަނު ޓީމުގެ ކުޅުން ރަގަޅުކޮށް މެޗުގެ 69 ވަނަ މިނިޓުގައި ވަނީ އެއްވަރު ކޮށްފައެވެ. އެއްވަރު ކުރި ގޯލު ދޮންފަނަށް ކާމިޔާބުކޮށްދިނީ އަޙްމަދު އިފްހާމް އެވެ. މިއަދުގެ މެޗަށް ދޮންފަނު ޓީމު ނިކުތީ އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނު ތިން ކުޅުންތެރިން ނުލައެވެ. މި މެޗުގެ 68 ވަނަ މިނިޓުގައި ދަރަވަންދޫގެ ސިމާހް ބަޝީރަށާއި ދޮންފަނުގެ މުޙައްމަދު ހާޝިމްއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ކިހާދޫ ވަނީ މާޅޮހުގެ މައްޗަށް 6-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި ކިހާދޫގެ ހުސައިން އިކްލީލް ދެގޯލު ކާމިޔާބުކޮށްދީފައިވާއިރު ދެން އެޓީމުގެ ގޯލުތައް ޖަހައިދިނީ ޙުސައިން ސާމިރު އާއި ފާހިރު ނަސީރުގެ އިތުރުން ޙުސައިން އީމާން އަދި ޢަލީ އަނީސް އެވެ. މާޅޮހުން ޖެހި ދެގޯލު ކާމިޔާބު ކުރީ ފާލިހު ޢަބްދުލްގާދިރު އަދި އަސަދު ރަމީޒް އެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅެވޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މިމެޗުގައި ބައްދަލުކުރާނީ ކިހާދޫ އާއި ދަރަވަންދޫ އެވެ. މިހާތަނަށް ކޮންމެ ޓީމަކުން ދެމެޗު ކުޅެފައިވާއިރު ދަރަވަންދޫ އަދި ކިހާދޫއަށް ވަނީ 4 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ޖެހި ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ ކިހާދޫ އަށެވެ. ދެވަނަ ދަރަވަންދޫއަށް ލިބޭއިރު ދެމެޗުންވެސް އެއްވަރުވެ ލިބުނު ދެޕޮއިންޓާއިއެކު ދޮންފަނަށް ލިބެނީ ތިންވަނައެވެ. ހަތަރުވަނައިގައި މާޅޮސް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.