އިންވިޓޭޝަން ކަޕް: ދޮންފަނު ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ދަރަވަންދޫ އަށް

football

އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބ. ދޮންފަނުގައި ކުރިއަށްދާ “ދޮންފަނު އިންވިޓޭޝަން ކަޕް” 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ސެމީފައިނަލް މެޗުގައި ދޮންފަނުގެ މައްޗަށް 4-2 އިން ކުރި ހޯދައި ދަރަވަންދޫ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފައިނަލުގައި ދަރަވަންދޫ ބައްދަލުކުރާނީ ކިހާދޫއާ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު ޖެހީ ދޮންފަނު ޓީމުންނެވެ. މެޗުގެ 9 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން މިގޯލު ކާމިޔާބު ކުރީ އަޙްމަދު އިފްހާމް އެވެ. ނަމަވެސް ދަރަވަންދޫ ޓީމުން ވަނީ ކުޅުން ރަގަޅުކޮށް ފުލުފުލުގައި ދެގޯލު ޖަހާފައެވެ. މެޗުގެ 39 ވަނަ މިނިޓުގައި ދަރަވަންދޫއަށް އެއްވަރު ކުރި ގޯލު ޖަހައިދިނީ އައްސާމް އަޙްމަދު އެވެ. އޭގެ 3 މިނިޓު ފަހުން ދަރަވަންދޫއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ އައިމަން މުޙައްމަދު ވަހީދު އެވެ. ނަމަވެސް ދޮންފަނު ޓީމުން ވަނީ މެޗުގެ 63 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު ދޮންފަނު ޓީމަށް ޖަހައިދިނީ މުޙައްމަދު އިނާޒް އެވެ. ދަރަވަންދޫގެ ފަހު ދެގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޙުސައިން ނާސިފް އެވެ. ނާސިފްގެ ފުރަތަމަ ގޯލު މެޗު ނިމެން 7 މިނެޓަށްވެފައިވަނިކޮށް ޖެހި އިރު ފަހު ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުން މެޗުގެ އިތުރު ވަގުތުގައެވެ.

މުބާރާތުގައި ފައިނަލުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނިކުންނާނީ ދަރަވަންދޫއާއި ކިހާދޫ އެވެ. މި މެޗުވެސް ކުޅޭނީ މުބާރާތް ބާއްވާ ދޮންފަނު ފުޓްބޯޅަ ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.