ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލާއެކު އޭދަފުއްޓަށް ގައުމީ މުބާރާތުން ފުރުސަތު ގެއްލިއްޖެ

މިދިޔަ އަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ތަށި އޭދަފުށީ ޓީމު އުފުލާލަނީ |އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ތަށި އޭދަފުށީ ޓީމު އުފުލާލަނީ |އީޓީ ފައިލް ފޮޓޯ

މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގެނައި ބޮޑު ބަދަލާއެކު އޭދަފުއްޓަށް ގައުމީ ފުޓްބޯޅަ މުބާރާތް ކުޅުމުގެ ފުރުސަތު ގެއްލިއްޖެއެވެ. ކުރިން އޮތީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އޭދަފުއްޓަށް 2017 ވަނަ އަހަރުގެ ގައުމީ މުބާރާތުން ފުރުސަތު ދޭގޮތަށެވެ.

ރާއްޖޭގެ ޗެމްޕިއަންގެ ހައިސިއްޔަތުން ސ. ފޭދޫ ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށްފައެވެ. ނަމަވެސް އެފް.އޭ.އެމް. އިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ބުނެފައިވަނީ އޭދަފުއްޓަށް ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު މިއަހަރު ނުލިބޭނެކަމަށެވެ. އޭގެ ބަދަލުގައި މިއަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ލިބޭނެއެވެ.

އެފް.އޭ.އެމް އިން މިއަދު ނެރުނު ކަލަންޑަރުގައި މިނިވަން ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ ދެބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ކުޅޭނީ އަތޮޅު ފުޓްބޯޅަ މުބާރާތާއި ޒޯން ފުޓްބޯޅަ މުބާރާތެވެ. އަދި ޒޯން ޗެމްޕިއަނުންގެ ބުރު
ކުޅޭނީ މާލޭގައެވެ. މިބުރުގެ ގަދަ ހަތަރު ޓީމަށް މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގުން ސީދާ ޖާގައެއް ލިބޭނެއެވެ. އެއްވަނަ ޑިވިޝަންގެ ހަތަރު ކްލަބަކާއި އެކު ދިވެހި ލީގުގައި ވާދަކުރާނީ ޖުމްލަ 8 ޓީމެވެ. ދިވެހި ޕްރިމިއަރ ލީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޖުލައި 28 އިން ނޮވެމްބަރ 18 އަށެވެ.

ފުޓްބޯޅަ ކަލަންޑަރު 2017
މާލޭ ލީގު: (ދެ ބުރު) ފެބްރުއަރީ 24 އިން ޖޫން 20 އަށް
މިނިވަން ޗެމްޕިއަންޝިޕް: (ދެ ބުރު) މާޗް 15
އެފްއޭ ކަޕް: މާޗް 6 އިން ޖުލައި 8
މާލޭ ލީގު ޕްލޭއޮފް: އޮގަސްޓް 1 އިން އޮގަސްޓް 23 އަށް
ދިވެހި ޕްރިމިއާ ލީގު: ޖުލައި 28 އިން ނޮވެމްބަރު 18 އަށް
ޕްރެޒިޑެންޓްސް ކަޕް: ނޮވެމްބަރު 24 އިން ޑިސެމްބަރު 4 އަށް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.