އެންމެ މޮޅަށް ކުޅުނީ ސެންޓޭކަމަށް އެންމެންވެސް އިއްތިފާގުވާނެ: ނިޒާމު

ލަނޑު ޖެހުމަށްފަހު ސެންޓޭ އުފާފާޅުކުރަނީ-- ފޮޓޯ / މިހާރު އޮންލައިން
ލަނޑު ޖެހުމަށްފަހު ސެންޓޭ އުފާފާޅުކުރަނީ– ފޮޓޯ / މިހާރު އޮންލައިން

މިދިޔަ ސީޒަނުގައި އެންމެ މޮޅަށް ކުޅެފައިވަނީ މިއަހަރު ނިއުރޭޑިއަންޓަށް ބަދަލުވި އަލީ ފާސިރު (ސެންޓޭ) ކަމަށް ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އެންމެންވެސް އިއްތިފާގުވާނެކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ފުޓްބޯލް ގުޅިގެން މިރޭ ބާއްވަން ހަމަޖެހިފައިވާ އެވޯޑް ނައިޓްގެ ކުރިން “އީޓީ” އާ ވާހަކަ ދައްކަމުން ނިޒާމް ބުނީ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓްވެފައިތިބި ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށްވެސް އެވޯޑް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމަކު އެ އެވޯޑް ސެންޓޭއަށް މިފަހަރު ހައްގު ކަމަށެވެ.

“އެވޯޑް ދިނުމުގައި ބަލާ މިންގަނޑުތައް ވަރަށް ތަފާތު، އެހަމަ ކޮންމެ ގޮތަކަށްވެސް ނަތީޖާ ނުކުމެދާނެ، އެކަމަކު އަހަންނަށް ޔަގީންވާ އެއްކަމަކީ ސެންޓޭ މިދިޔަ ސީޒަންގައި އެހެން ހުރިހާ ކުޅުންތެރިންނަށްވުރެ މޮޅަށް ކުޅެފައިވާކަން،” ސެންޓޭ މިދިޔަ ސީޒަންގައި ޓީސީއަށް ކުޅުނުއިރު ޓީމަށް އިރުޝާދުދިން ކޯޗް ބުންޏެވެ.

މިދިޔަ ސީޒަންގައި ސެންޓޭގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނީ އޭނާގެ ހުރި ހުރިހާ ޕޮޒިޓިވް ކަންތައްތަކެއް ބޭނުންކޮށްގެން ކުޅެން ފުރުސަތު ދިނުމުން ކަމަށާއި، މިދިޔަ ސީޒަންގައި ދެއްކި ކުޅުމަށްވުރެވެސް މޮޅު ކުޅުމެއް ސެންޓޭގެ ފަރާތުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

“ސެންޓޭއަކީ އޭނާގެ ސްޓްރެންތުގައި ކުޅެން ފުރުސަތު ދީފިއްޔާ ތަފާތު ދައްކާ ކުޅުންތެރިއެއް. އެހެން ޓީމަކަށް ކުޅުނަސް އެފުރުސަތު އޭނައަށް އޮވެއްޖިއްޔާ އަދި މިއަށްވުރެވެސް މޮޅަށް އޭނަ ކުޅޭނެ.” ނިޒާމް ބުންޏެވެ.

ނިޒާމް އިތުރަށް ފާހަގަކުރިގޮތުގައި ސެންޓޭގެ ތަފާތު އެންމެ ބޮޑަށް ފެންނަނީ ބޯޅައިގައި އޭނާ ޖަހާއިރު ކަމަށާއި، އެއީ ދިވެހި މަދު ކުޅުންތެރިއެއްގެ ފަރާތުން ނޫނީ ނުފެންނަ ހުނަރެއް ކަމަށެވެ.

“ސެންޓޭގެ ކިބައިން ފެންނަ އެންމެ އާދަޔާ ޚިލާފް ކަމަކީ އޭނަ ބޯލައިގައި ޖަހާއިރު އެ ގެންގުޅޭ ޓެކްނިކް. އެއީ އެހެން ކުޅުންތެރިންނާ ތަފާތު ކަމެއްގެ ގޮތުގައި އަހަންނަށް އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ،” ސެންޓޭ މިދިޔަ އަހަރު ހޯދި ކާމިޔާބީތަކުގައި މުހިއްމު ހިއްސާއެއް އަދާކުރި ކޯޗް ބުންޏެވެ.

އޭދަފުށްޓަށް އުފަން ސެންޓޭ ވަނީ މިދިޔަ ސީޒަންގައި 34 ގޯލް ޖަހައިގެން މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ރަން ބޫޓްވެސް ކަށަވަރުކޮށްފަ އެވެ. އަދި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގްގެ ދެވަނަ ޓީސީއަށް ހޯދައިދީ، އެފްއޭކަޕާއި، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އެ ޓީމް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދީފަ އެވެ. މީގެ އިތުރުން މި ދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާ އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ނަމުގައި މުޅިން އަލަށް ދޭން ފަށާ އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މިފަހަރު ސެންޓޭއާއެކު ވާދަކުރަނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ އާއި، އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.