ޒިޔަޒަން ނެތުން، އޭދަފުށީ ޓީމުން ދުރާލާ ވިސްނަންޖެހޭނެ ކަމެއް

މިނިވަން ޗެންޕިއަންޝިޕްގެ މިދިޔަ އަހަރުގެ ފައިނަލް މެޗްގައި ގަލޮޅު ދަނޑު މަތީގައި ޒިޔަޒަން މަޑުކޮށްލައިގެން | ފޮޓޯ ނިޝާން އަލީ / މިހާރު
މިނިވަން ޗެންޕިއަންޝިޕްގެ މިދިޔަ އަހަރުގެ ފައިނަލް މެޗުގައި ގަލޮޅު ދަނޑު މަތީގައި ޒިޔަޒަން މަޑުކޮށްލައިގެން | ފޮޓޯ ނިޝާން އަލީ / މިހާރު

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި 2015 ވަނަ އަހަރު ސެމީ ފައިނަލުން އޭދަފުށީ ޓީމު ބަލިވެ މުބާރާތުން ވަކިވާން ޖެހުމުން ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) އޭރު “އީޓީ” އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭދަފުއްޓަށް ރަގަޅު ފެންވަރެއްގެ ކީޕަރެއް މުހިއްމު ކަމެވެ. ބައްޓޭގެ ބަހަށް މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް އޭދަފުށި ނިކުތީ ފުޓްބޯޅައިން ކުޑަ ބްރޭކެއް ނަގައިގެންހުރި އޭދަފުއްޓަށް އުފަން ހުށިޔާރު ކީޕަރު އަބްދުﷲ ޒިޔަޒަން އާ އެކުއެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ހޯދުމުން އެންމެ ގިނަ ބަޔަކު ފާހަގަކުރީ ޒިޔަޒަންގެ މޮޅު ކުޅުމެވެ. ސެމީ ފައިނަލުގައި ސ. ފޭދޫ ޓީމުން ޖެހި ތިން ޕެނަލްޓީ މަތަކުރުމާއި ފައިނަލް މެޗުގައި ތިމަރަފުއްޓާއި ދެކޮޅަށް ޒިޔަޒަން ދެއްކި ކުޅުމަށް ރާއްޖޭގެ އެއްވަނަ ކީޕަރު އިމްރާން މުޙައްމަދުވެސް ވަނީ ތައުރީފު ކޮށްފައެވެ. ނަމަވެސް މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ޒިޔަޒަން ނިއު ރޭޑިއަންޓަށް ބަދަލުވެފައިވުމުން ޓީމަށް ރަގަޅު ފެންވަރެއްގެ ކީޕަރެއް ހޯދުމުގެ މަސައްކަތް ދުރާލާ ކުރަންޖެހޭ ކަމަށް އޭދަފުށީގެ ފުޓްބޯޅައިގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ.

8

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އޭދަފުށީ ޓީމުގެ މެނޭޖަރ ޢަބްދުލް މަޖީދު ޙަސަން “އީޓީ” އަށް ދިން އިންޓަވިއުއެއްގައި ބުނީ ޒިޔަޒަން ނެތުމަކީ ފޫބައްދަން އުނދަގޫވާނެ ކަމެއްކަމަށާއި، މިހާރުވެސް ޓީމުން އެކަމާ ވިސްނަން ޖެހޭނެ ކަމަށެވެ.

” ޒިޔަޒަން ނެތުމަކީ ފޫބެއްދެން ނެތްވަރުގެ ގެއްލުމެއް. ޓީމުން މިހާރުވެސް ވިސްނަންޖެހޭނެ ރަގަޅު ރީޕްލޭސްމަންޓެއް ހޯދަން. ރާއްޖޭން އެ ރީޕްލޭސްމަންޓް ހޯދަން އުނދަގޫވާނެ. ޓީމަށް ބޭނުންވާނެ ރަގަޅު ފެންވަރެއްގެ ބިދޭސީ ކީޕަރެއް ” ޒިޔަޒަންގެ މުހިއްމުކަން ހާމަކުރަމުން މަޖީދު ފާހަގަކުރިއެވެ.

ކޯޗު ބައްޓޭގެ ވާހަކައިގައި ބުނީ ޒިޔަޒަން އަށް ލިބުނު ފުރުސަތަކީ އޭދަފުށީގެ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. ނަމަވެސް ޒިޔަޒަންގެ ރީޕްލޭސްމަންޓެއް ހޯދަން މަސައްކަތް ކުރަން ޖެހޭނެކަން ބައްޓޭ ޤަބޫލުކުރެއެވެ.

” ޒިޔަޒަން އަލުން ނިއުއަށްވެސް އެ ގެންދިޔައީ މިދިޔަ އަހަރު ދެއްކި މޮޅު ކުޅުމުން. މީގެ ކުރިން އެއްވަނަ ޑިވިޝަނުގަ ކުޅުނު އިރުވެސް ޒިޔަޒަން އަކީ މޮޅު ކީޕަރެއް. ރަގަޅު ފެންވަރުގެ ކީޕަރުން އެބަތިބި މިރަށުގަ. އެކަމު މި މުބާރާތް ދިފާއުކުރަން ބޭނުންނަމަ ކޮންމެވެސް ދިމާލަކުން ފެންވަރު ރަގަޅު ކީޕަރެއް ޓީމަށް ވަރަށް މުހިއްމު. މިއަހަރު މުބާރާތް އިތުރަށް ވަރުގަދަ ވާނެ. ކައުންސިލުންވެސް އަދި ޓީމު ހިންގުމުގައި އިސްކޮށް އުޅޭ ހުރިހާ ފަރާތްތަކަކުންވެސް އެމަސައްކަތް މިހާރުވެސް ފަށަން ވެއްޖެ ” ބައްޓޭ ބުންޏެވެ.

މިއަހަރުގެ މުބާރާތުން ޒިޔަޒަން އޭދަފުށީ ޓީމުން ނުފެންނާނެކަން ޔަގީންވެފައިވާއިރު މަޖީދުއާއި ބައްޓޭ ފާހަގަ ކުރިގޮތަށް އޭދަފުއްޓަށް ރަގަޅު ފެންވަރުގެ ކީޕަރެއްގެ މުހިއްމުކަން މިވަނީ ބޮޑުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.