ސެންޓޭގެ ކާމިޔާބީ ފާހަގަކުރަން ބޮޑު ހަފްލާއެއް ބާއްވަނީ

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ (ކ) އަށް އެފްއޭއެމްގެ ރައީސް ބައްސާމް ހަވާލުކޮށްދެއްވަނީ.. ސެންޓޭއަށް ރަށުން މަރުހަބާ ކިޔުމަށް ބޮޑު ހަފްލާއެއް ބޭއްވުމަށްދަނީ ތައްޔަރުވަމުން --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސެންޓޭ (ކ) އަށް އެފްއޭއެމްގެ ރައީސް ބައްސާމް ހަވާލުކޮށްދެއްވަނީ.. ސެންޓޭއަށް ރަށުން މަރުހަބާ ކިޔުމަށް ބޮޑު ހަފްލާއެއް ބޭއްވުމަށްދަނީ ތައްޔަރުވަމުން –ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ފުޓްބޯލް ގުޅިގެން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ޝަރަފްވެރި އެވޯޑް ހޯދި އަލީ ފާސިރު (ސެންޓޭ) އަށް މަރުހަބާ ކިޔަން އޭދަފުށީ ކްލަބް ކޮމްބިނޭޝަން ޖަމިއްޔާއިންނާއި ސެންޓޭގެ އާއިލާގެ އަދި ގާތް ރައްޓެހިން ގުޅިގެން ތައްޔާރުވާން ފަށައިފި އެވެ.

ސެންޓޭގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ އަންނަމަހުގެ 3 ވަނަ ދުވަހުގެ ރޭ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

އެ ރަސްމިއްޔާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މިހާރު ވަނީ ދައުވަތު އަރުވާފަ އެވެ.

މީގެ އިތުރުންވެސް ފުޓްބޯޅައިގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން އެ ރަސްމިއްޔާތުގައި ބައިވެރިވާނެކަމަށް މަޢުލޫމާތު ލިބެ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުގެ ބައެއް ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން ޤައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ސެންޓޭގެ ބޭބެ މުޙައްމަދު ފާސިރު “އީޓީ” އާ ވަހަކަ ދައްކަމުން ބުނީ މި ކާމިޔާބީ މީހާވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

“ވަރަށް ފުރިހަމަ ކުރެވޭތޯ މި ބަލަނީ. އެންމެ ހާއްސަ ކަމަކީ މި ކާމިޔާބީއާއި ގުޅިގެން ބޭއްވޭ ރަސްމިއްޔާތު. މިކަމުގައި ބައިވެރިވުމަށް ފުޓްބޯޅައިގެ އިސް ފަރާތްތަކަކަށް މިހާރު ވާނީ ދައުވަތު އަރުވާފައި، އޭގެ ތެރޭގައި ސެންޓޭގެ ފުޓްބޯޅަ ކެރިއަރު ގައި މިހާތަނަށް އެހީތެރިވި ގިނަ ބަޔަކު ހިމެނޭނެ. މީގެ އިތުރުންވެސް ވަރަށް ހާއްސަ ކަންތައްތަކެއް އެ ހަފްލާގައި އޮންނާނެ”

ސެންޓޭއާއެކު އެއްވަނަ ޑިވިޝަންގެ އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަށް ކުޅުނު ފާސިރު ބުންޏެވެ.

މީގެ އިތުރުން އޭދަފުށީ ފުޓްބޯޅަ ޓީމުގެ ސީނިއަރ ކުޅުންތެރިންނާއި، ފުޓްބޯޅައިގައި އިސްކޮށް ހަރާކްތެރިވާ ފަރާތްތަކާއި ވެޓަރަންސް ކުޅުންތެރިންގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންވެސް މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް ފާސިރު ބުންޏެވެ.

މިދިޔަ ސީޒަނުގައި ޓީސީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ސެންޓޭ ވަނީ މޮޅު ކުޅުންތެރިޔާގެ އިތުރުން 34 ގޯލު ޖަހައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓުވެސް ހޯދާފަ އެވެ. މީގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް މިދިޔަ އަހަރު ހޯދީ ސެންޓޭއެވެ. މިއީ އޭދަފުށީގެ ކުޅުންތެރިއަކަށް މި ޝަރަފް ލިބުނު ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.