އޭދަފުށީ ވެޓަރަންސް ޓީމާއި ކިހާދޫ ވެޓަރަންސް ޓީމު ހޮނިހިރު ދުވަހު ހަވީރު ކިހާދޫގައި ކުޅުނު އެކުވެރިކަމުގެ މެޗު 2-0 އިން އޭދަފުށީ ޓީމު ކާމިޔާބު ކޮށްފިއެވެ.
އޭދަފުށީ ޓީމުން ޖެހި ދެ ގޯލުވެސް ޖެހީ މުޙައްމަދު އިކްރާމް އެވެ.
އޭދަފުށީ ވެޓަރަންސް ޓީމުން ބުނީ އެ ޓީމު ކިހާދޫއަށް ދިއުމުން އެރަށު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އިންތިޒާމުތަކުގެ ފުރިހަމަ ކަމަށްޓަކައި އެ ރަށުގެ ރައްޔިތުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.
އޭދަފުށީ ވެޓަރަންސް ޓީމު އެކުލަވާލާފައިވަނީ އަށްޑިހައިގެ ފަހުކޮޅު އެއްވަނަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށް ކުޅުނު މުހިއްމު ކުޅުންތެރިން ހިމަނައިގެންނެވެ.
މިއީ ވެޓަރަންސް ޓީމު ކުޅުނު އެކުވެރިކަމުގެ ހަ ވަނަ މެޗެވެ. އެ ޓީމުގެ މެޗެއް ދެން އޮންނާނީ ވެލެންސިޔާގެ ވެޓަރެންސް ޓީމާ އެކު އެވެ. އެ މެޗު އޮންނާނީ ވެޓަރެންސް ޓީމުން ބުނި ގޮތުގައި ބ. އަތޮޅުގެ ރިސޯޓެއްގަ އެވެ.