
ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ނަމުގައި އޭދަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ގުރުނެގުމުގެ ރޭ ބާއްވާއިފި އެވެ.
އޭދަފުށީ ކްލަބް ދަ ބިގިނާސް ޖަމިއްޔާއިން މީގެ ތިން އަހަރު ކުރިން މަރްހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގެ ނަމުގައި ބާއްވަމުން އައި މި މުބާރާތް މި އަހަރު އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ނަމަށް ބަދަލުކޮށް އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަނީ ދައުވަތު ދީފައެވެ.
ގުރުނެގުމަށް ރޭ އޭދަފުށީ ބެއްލާ ވިސްޓާ ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ 12 ޓީމު ވަނީ 3 ގްރޫޕަކަށް ބަހާލާފަ އެވެ.
ގްރޫޕް “އޭ” ގައި ހިމެނެނީ މާޅޮސް ޔޫތް ކްލަބާއި ފެއިމްސް ޔުނައިޓެޑްގެ އިތުރުން ސޮނެވާފުށި ރިސޯޓް އަދި ޔުނައިޓެޑް ވީ އެވެ. ގްރޫޕް “ބީ” ގައި ހިމެނެނީ ކޮކޯޕާމް ރިސޯޓާއި ރީތި ބީޗް ރިސޯޓު، ދަރަވަންދޫ ކިންގްސް ޔުނައިޓެޑް އަދި އިރުމަތި ލަވާސް އެވެ. ގްރޫޕް “ސީ” ގައި ހިމެނެނީ ރޯޔަލް އައިލެންޑް ރިސޯޓާއި، ކުޑަރިކިލު އެކުވެރި ގައިސްގެ އިތުރުން އަންނަތަރާ ކިހަވަށް ވިލާސް އާއި ކިހާދް މޯލްޑިވްސް އެވެ.
މި މުބާރާތް މިދިޔަ ދެ އަހަރުވެސް ކާމިޔާބު ކުރީ ސޮނެވާފުށީ ރިސޯޓެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަނުންނަކީ ފެއިމްސް ޔުނައިޓެޑް އެވެ. މި ދެ ޓީމާއެކު މިއަހަރުގެ މުބާރާތުގައި ގްރޫޕް “އޭ” ގައި ހިމެނޭ ޔުނައިޓެޑް ވީ އަކީވެސް މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމެވެ. އެހެންކަމުން މަރުގެ ގްރޫޕްގެ ގޮތުގައި ގްރޫޕް “އޭ” ވަނީ މިހާރުވެސް ބެލެވިފައެވެ.
މިއަހަރުގެ މުބާރާތް އޮންނާނީ މާޗް 1 އިން 14 އަށް އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގެ މެއިން ސްޕޮނޗސަރަކީ ރެޑްވޭވް އެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.
