
އަމާޒަކީ މިއަހަރުވެސް ބ. އެޓޯލް ޔުނިޓީ ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައި މުބާރާތުގެ ތަށި މިލްކު ކުރުން ކަމަށް ސޮނެވާފުށީ ޓީމުން ބުނެފި އެވެ.
ސޮނެވާ ޓީމުގެ މެނޭޖަރު އިބްރާހިމް ރަޝީދު ބުނީ އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަަމަށްވާ ކެޕްޓަން މަޖީދު އާއި އަޒްމީން އަދި އާދަމް ނިޒާމް (ކިތުނާ) އާ ނުލާ މުބާރާތަށް ނުކުތް ނަމަވެސް ޓީމުގެ ފަރާތުން ތަފާތު ފެނިގެންދާނެ ކަމަށެވެ.
“އެ ކުޅުންތެރިން ނެތް ތަން ފޫބެއްދުމަށް ހުނަރުހުރި މޮޅު ކުޅުންތެރިން މިފަހަރު ޓީމުގައި ވާނީ ހިމަނާފައި، ނަމަވެސް އެ ތިން ކުޅުންތެރިން ސޮނެވާފުށި ޓީމުގައި ނެތުމަކީ ތަށި މިލްކުކުރަން ސޮނެވާފުއްޓަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް، އެކަމުވެސް އަމާޒަކީ ތަށީ މިލްކުކުރުން،”
މި މުބާރާތުގައި ސޮނެވާފުށި ލައްވާލަފައިވަނީ އެންމެ ވަރުގަދަ އެއް ގްރޫޕުގަ އެވެ. އެ ގްރޫޕް ދެން ހިމެނެނީ މާޅޮސް ޔޫތް ކްލަބާއި ފެއިމްސް ޔުނައިޓެޑް އާއި ޔުނައިޓެޑް ވީ އެވެ.

ސޮނެވާފުށީ ޓީމުންވަނީ މި މަހު 15 ގައި ފަރިތަކުރުންތައް ފަށައިފަ އެވެ. އެ ޓީމުން މުބާރާތަށް ތައްޔާރުވާން މިހާތަނަށް ކުޅުނު ޕްރެކްޓިސް މެޗުތަކުގައި ރަގަޅު ނަތީޖާއެއް ދަނީ ނެރެމުންނެވެ.
މެނޭޖަރު އިބްރާހިމް ރަޝީދު ބުނީ ސޮނެވާފުއްޓަކީ އަބަދުވެސް ކުޅިވަރަށް ލޯބި ކުރާ މުވައްޒަފުން ތަކެއް މަސައްކަތް ކުރަމުން އަންނަ ރިސޯޓެއް ކަމަށާއި މި މުބާރާތުގައި ސޮނެވާފުށި ބައިވެރިވުމުން އެކަމަށްޓަކާ ސޮނެވާފުށީގެ މެނޭޖުމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަދި ކުރިޔަށް އޮތްތާގައިވެސް ދައުވަތު ލިބޭ ހުރިހާ މުބާރާތެއްގައި އެ ރިސޯޓުން ބައިވެެރިވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރުވެސް 12 ޓީމު ވާދަކުރާނެ އެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ސޮނެވާފުއްޓާ ދެކޮޅަށް މާރޗް 2 ވަނަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ރަނަރަފް ޔުނައިޓެޑް ވީ އާދެކޮޅަށެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާ އިރު ބްރޯޑްކަސްޓިން ޕާޓްނަރަކީ ވީޓީވީ އެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މިފަަހަރުވެސް އޭދަފުށި ޓައިމްސް (އީޓީ) އެވެ.
