މިފަހަރު ނެރޭ ޓީމު ވަރުގަދަ ވާނެ : ޔުނައިޓެޑް ވީ

ޔުނައިޓެޑް ވީ ގެ ފާއްޓެ ބޯޅަ އާއެކު ކުރިޔަށްދަނީ.  | އީޓީ ފައިލް ފޮޓޯ
ޔުނައިޓެޑް ވީ ގެ ފާއްޓެ ބޯޅަ އާއެކު ކުރިޔަށްދަނީ. | އީޓީ ފައިލް ފޮޓޯ

އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިދިޔަ އަހަރުގެ ރަނަރަޕް ޔުނައިޓެޑް ވީ ނިކުންނާނީ އާ ހިތްވަރަކާއެކު ތައްޓާ ހަމަޔަށް ދިޔުމުގެ އުންމީދާއެކު ކަމަށް އެޓީމުން ބުނެފި އެވެ.

ޔުނައިޓެޑް ވީ ގެ މެނޭޖަރު ސަލްމާން ވަހީދު (ސައްލެ) “އީޓީ”އާ ވާހަކަ ދައްކަމުން ބުނީ މިއަހަރު އެ ޓީމުން ނުކުންނާނީ މިދިޔަ އަހަރު ފައިނަލް ހަނދާން ނައްތާލުމަށް ފަހު އާ ހިތްވަަރަކާ އާ އަޒުމެއްގައި ކަމަށާއި ވޭތުވިދިޔަ އަހަރުތަކަށް ވުރެއް މި އަަހަރު މި މުބާރާތަށް ނެރޭ ޓީމު ވަރަގަދު ވާނެކަށެވެ.

މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕް ކަމަށް ވާ ގްރޫޕް އޭ ގައި އޮތް ޔުނައިޓެޑް ވީ ގައި މި އަހަރުވެސް ތަޖުރިބާ ހުރި މޮޅެތި ކުޅުންތެރިން ހިމެނެ އެވެ. އެގޮތުން މުހައްމަދު ފާސިރު (ފާއްޓެ) އަދި އޭދަފުށީގެ ތަޖުރިބާކާރު ކީޕަރު އަފްޒަލް އިބްރާހިމްވެސް ކުޅޭނީ ޔުނައިޓެޑް ވީ އަށެވެ.

ސަލްމާން ބުނީ ފާއްޓެމެން ފަދަ ހުނަރުވެރި ކުޅުންތެރިން ޓީމުގައި ތިބުމުން އެހެން ޓީމުތަކަށް ރަގަޅު ފައިޓެއްދެވޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

“މި އަހަރުގެ މުބާރާތުގައި ޔުނައިޓެޑް ވީ އިން ތަފާތު ދައްކާނެ. ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ސަޕްރައިޒް ދެ ކުޅުންތެރިއެއް ފެނިގެން ދާނެ،” ސައްލެ ބުންޏެވެ.

އޭދަފުށީގެ ތަޖުރިބާކާރު ކީޕަރ އަދި ޔުނައިޓެޑް ވީ ގެވެސް ކީޕަރ އަފްޒަލް ގޯލާދިމާލަށް އަންނަ ބޯޅަ މަތަ ކުރުމަށް މަސައްކަތް ކުރަނީ |އީޓީ ފައިލް ފޮޓޯ
އޭދަފުށީގެ ތަޖުރިބާކާރު ކީޕަރ އަދި ޔުނައިޓެޑް ވީ ގެވެސް ކީޕަރ އަފްޒަލް ގޯލާދިމާލަށް އަންނަ ބޯޅަ މަތަ ކުރުމަށް މަސައްކަތް ކުރަނީ |އީޓީ ފައިލް ފޮޓޯ

“އީޓީ” އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަހަރުވެސް އެ ޓީމަށް ކުޅުނު އަބްދުﷲ ޝައްފާން (ޝާކާ) މި އަހަރުވެސް ކުޅޭނީ އެޓީމަށެވެ. ޝައްފާނަކީ މިދިޔަ އަހަރު އޮތް މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި ކުޅުންތެރިޔާ އެވެ.

މި މުބާރާތުގައި ޔުނައިޓެޑް ވީ ގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 2 ވަނަ ދުވަހު ނުކުންނާނީ ޗެންޕިއަން ސޮނެވާފުއްޓާ ދެކޮޅަށެވެ. މި ދެ ޓީމަކީ މިދިޔަ އަހަރުގެ ފައިނަލް މެޗުގައި ވެސް ބައްދަލުކުރި ދެ ޓީމެވެ.

ޔުނައިޓެޑް ވީ އިން ބުނީ ފުރަތަމަ މެޗުގައި ސޮނެވާފުށި ބަލިކުރެވޭނެ ކަމުުގެ 200 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި ދަނޑުން ފައިބާނީ ސޮނެވާ ކައިރިން 3 ޕޮއިންޓް ހޯދައިގެން ކަމަށެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާ އިރު ބްރޯޑްކަސްޓިން ޕާޓްނަރަކީ ވީޓީވީ އެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މިފަަހަރުވެސް އޭދަފުށި ޓައިމްސް (އީޓީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.