
ކްލަބް ދަ ބިގިނާސް އިން އިންތިޒާމުކޮށްގެން ބާއްވާ ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖު މިއަދު ހަވީރު ފަށާނެ އެވެ.

އޭދަފުށީ ކްލަބް ދަ ބިގިނާސް ޖަމިއްޔާއިން މީގެ ތިން އަހަރު ކުރިން މަރްހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގެ ނަމުގައި ބާއްވަމުން އައި މި މުބާރާތް މި އަހަރު އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ނަމަށް ބަދަލުކޮށް އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަނީ ދައުވަތު ދީފައެވެ.
މި އަހަރުގެ މުބާރާތުގައިވެސް 12 ޓީމު ވާދަކުރެ އެވެ.
ގްރޫޕް “އޭ” ގައި ހިމެނެނީ މާޅޮސް ޔޫތް ކްލަބާއި ފެއިމްސް ޔުނައިޓެޑްގެ އިތުރުން ސޮނެވާފުށި ރިސޯޓް އަދި ޔުނައިޓެޑް ވީ އެވެ. ގްރޫޕް “ބީ” ގައި ހިމެނެނީ ކޮކޯޕާމް ރިސޯޓާއި ރީތި ބީޗް ރިސޯޓު، ދަރަވަންދޫ ކިންގްސް ޔުނައިޓެޑް އަދި އިރުމަތި ލަވާސް އެވެ. ގްރޫޕް “ސީ” ގައި ހިމެނެނީ ރޯޔަލް އައިލެންޑް ރިސޯޓާއި، ކުޑަރިކިލު އެކުވެރި ގައިސްގެ އިތުރުން އަންނަތަރާ ކިހަވަށް ވިލާސް އާއި ކިހާދް މޯލްޑިވްސް އެވެ.
މި މުބާރާތް މިދިޔަ ދެ އަހަރުވެސް ކާމިޔާބު ކުރީ ސޮނެވާފުށީ ރިސޯޓެވެ. ފުރަތަމަ މުބާރާތުގެ ޗެމްޕިއަނުންނަކީ ފެއިމްސް ޔުނައިޓެޑް އެވެ. މި ދެ ޓީމާއެކު މިއަހަރުގެ މުބާރާތުގައި ގްރޫޕް “އޭ” ގައި ހިމެނޭ ޔުނައިޓެޑް ވީ އަކީވެސް މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމެވެ. އެހެންކަމުން މަރުގެ ގްރޫޕްގެ ގޮތުގައި ގްރޫޕް “އޭ” ވަނީ މިހާރުވެސް ބެލެވިފައެވެ.
ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ފެއިމްސް ޔުނައިޓެޑާއި މާޅޮސް ޔޫތް ކްލަބެވެ. މި މެޗް ފަށާނީ ހަވީރު 4:05 ގައެވެ. ހަވީރު ކުޅޭ ދެވަނަ މެޗުގައި ކޮކޯ ޕާމް ރިސޯޓާއި ދެކޮޅަށް ނިކުންނާނީ ރީތި ބީޗް ރިސޯޓެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ 5:05 ގައެވެ. މާދަމާވެސް މި މުބާރާތުގެ 2 މެޗް ކުޅޭނެއެވެ.
މި މުބާރާތަކީ ކްލަބް ދަ ބިގިނާސް އިން 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރާކުރުމަށް ދައުވަތުދެނީ ބ. އަތޮޅުގެ ރިސޯޓްތަކަށާއި އޭދަފުށީގެ ޓީމުތަކަށެވެ. މުބާރާތުގެ ފޯރި ގަދަ ކުރުމުގެ ގޮތުން މިފަހަރު ވަނީ މި މުބާރާތް މި އަހަރު އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ނަމަށް ބަދަލުކޮށް އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަނީ ދައުވަތު ދީފައެވެ.
މުބާރާތް ކުރިއަށްދާނީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.
