ސޮނެވާ މޮޅުވިއިރު ރޯޔަލް އާއި އެކުވެރި ގައިޒް މެޗް އެއްވަރު

މިއަދު ހަވީރު ރޯޔަލް އާއި އެކުވެރި ގައިޒް ބައްދަލުކުރި މެޗް ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ރޯޔަލް އާއި އެކުވެރި ގައިޒް ބައްދަލުކުރި މެޗް ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން ސޮނެވާފުށި މޮޅުވިއިރު ރޯޔަލް އާއި ކުޑަރިކިލުގެ އެކުވެރި ގައިޒް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރޯޔަލް އައިލެންޑް ރިސޯޓާއި ކުޑަރިކިލުގެ އެކުވެރި ގައިޒްއެވެ. މި މެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމްވެސް އެއްވަރުވެގެންނެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު ދެޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ޖެހިފައެއްނުވެއެވެ. މެޗްގައި ފުރަތަމަ ލަނޑު ދެވަނަ ހާފްގައި ޖެހީ އެކުވެރި ގައިޒް ޓީމުންނެވެ. މި ލަނޑު މެޗްގެ 4 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހުސައިން ހަނާންއެވެ. ނަމަވެސް އޭގެ 2 މިނިޓްފަހުން ރޯޔަލްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަަމަކޮށްފައެވެ. މި ލަނޑު ރޯޔަލްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ނިހާންއެވެ. މި މެޗްގައި ކުޑަރިކިލުގެ ގޯލް ކީޕަރގެ ފަރާތުންވަނީ މޮޅެތި ސޭވްތަކެއް ފެނިގެން ގޮސްފައެވެ. އަދި ރޯޔަލް ޓީމުގެ މުހައްމަދު އަަނަހަށްވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތު ތަކެއް ލިބިފައެވެ. ދެ ޓީމު އެއްވަރު ވެފައި ވަނިކޮށް އަނެއްކާވެސް އެކުވެރި ގައިޒް އިން ވަނީ މެޗްގެ ލީޑް ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ނިޒާމެވެ. ރޯޔަލް އިން މެޗްގެ ނަތީޖާ ހަމަަހަމަ ކުރި ލަނޑު މެޗް ނިމެން ކުޑަތަންވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަހުމަދު ނިޙާންއެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ރޯޔަލް ޓީމުގެ 2 ލަނޑުވެސް ކާމިޔާބުކޮށްދިން އަހުމަދު ނިހާނެއެވެ.

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗްގައި ސޮނެވާ އާއި ޔުނައިޓެޑް ވީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗްގައި ސޮނެވާ އާއި ޔުނައިޓެޑް ވީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ އެންމެ ފަހުން ޗެންޕިއަން ސޮނެވާފުއްޓާއި ޔުނައިޓެޑް ވީ އެވެ. މި މެޗް 3-4 ނަތީޖާއަކުން ކާމިޔާބުކުރީ ސޮނެވާފުށި ރިސޯޓުންނެވެ. މި މެޗްގައި ސޮނެވާފުށި ޓީމްގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު އަދި މުހައްމަދު ލިޔާހްއެވެ. މި ދެކުޅުންތެރިން ތެރެއިން ކޮންމެ ކުޅުންތެރިއެއްވެސް ވަނީ 2 ލަނޑު ޖަހާފައެވެ. ޔުނައިޓެޑް ވީ ގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ މުހަމައްދު ފާސިރު (ފާއްޓެ) އަދި އަޔާޒް އަހުމަދެވެ. އަޔާޒް ވަނީ މި މެޗްގައި 2 ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސޮނެވާފުށީގެ ޖާޒީ ނަންބަރ 10 މުހައްމަދު ލިޔާހްއެވެ.

ހުއްޓުމެއްނެތި މިއަދު އޭދަފުއްޓަށް ވާރޭ ވެހުމުގެ ސަބަބުން ދަނޑުގައި ފެން ހެދިފައި އޮތުމުން ޓީމްތަކަށް ވަނީ މެޗް ކުޅުމަށް ދަތިތަކާ ކުރިމަތި ލާންޖެހިފައެވެ. މި މުބާރާތުގައި މާދަމާވެސް 2 މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި 16:05 ގައި ބައްދަލުކުރާނީ ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑާއި އިރުމަތި ލަވާރސްއެވެ. ދެވަނަ މެޗްގައި 17:05 ގައި ބައްދަލުކުރާނީ ކިހަވައް ސްޓްރައިކާޒް އާއި ކިހާދް މޯލްޑިވްސްއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.