ބެޑްމިންޓަން ކޯޗިން ކޯހަކަށް ހުސެއިން ނޭޕާލަށް ފުރައިފި

 ހުސައިން (ކ) ބެޑްމިންޓަން ކޯޗިން ކޯހަށްފުރި ބައިވެރިންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

ހުސައިން (ކ) ބެޑްމިންޓަން ކޯޗިން ކޯހަށްފުރި ބައިވެރިންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިސަންގެ ފިރިހެން ސިންގަލްސް ބެޑްމިންޓަން ކުޅުންތެރިޔާ ބ. އޭދަފުށީ ހުސައިން މުހައްމަދު ބެޑްމިންޓަން ކޯޗިން ކޯހެއް ފުރިހަމަ ކުރަން މިރޭ ނޭޕާލަށް ފުރައިފި އެވެ.

މި މަހު 5-15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޯހުގައި، ރާއްޖޭގެ 4 ރަށަކުން ރަށަކުން ޖުމްލަ 5 ފަރާތަކުން ބައިވެރިވެ އެވެ. އެއީ ހުސައިން މުހައްމަދުގެ އިތުރުން އައްޑޫ ސިޓީން ފަޒީލު އާއި ޝިފްނާގެ އިތުރުން، ޏ ފުއްމުލަކުން އައިޝާ އަދި ނ ހޮޅުދޫން މުމްތާޒު އެވެ.

ހުސައިން ބުނީ ސަރަހައްދީ ގައުމަކުން މިފަދަ ފުރުސަތެއް ލިބުމަކީ، ކުރިމަގަށް ބަލާއިރު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި މި ކޯހުގެ ސަބަބުން ބެޑްމިންޓަން ޕްރޮގްރާމުތައް ހިންގަން އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ބެޑްމިންޓަން އޭޝިޔާ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހޯދި މި ފުރުސަތާ އެކު، އަތޮޅު ތަކުގައި ފުޅާ ދާއިރާއެއްގައި ބެޑްމިންޓަން ހަރަކާތްތައް ހިންގަން ބޮޑެތި ކުރިއެރުން ތަކެއް ލިބޭނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުންޏެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު މިރޭ “އީޓީ” އަށް ވިދާޅުވި ގޮތުގައި މި ކޯހުގެ އެންމެބޮޑު އެއް އަމާޒަކީ މިހާރު ސްކޫލުތަކުގައި ބެޑްމިންޓަން ކުޅޭ ލެވެލް އިން ދެވަނަ ލެވެލް އަށް ކުޅުންތެރިން ގެންދިއުމެވެ.

“އެހެންވެ އެ ލެވެލްގެ ކޯޗުން އުފެއްދުމަކީ އަޅުގަނުމެން ގަބޫލުކުރާ ގޮތުގައި އިތުރަށް ބެޑްމިންޓަންގެ ފެންވަރު މައްޗަށް ގެންދިއުމަށް ބޭނުންކަމަށް ވަންޏާ ހަމަ ގައިމުވެސް ކުރަންޖެހޭ ކަމެއް. އެހެންވެ ސްކޫލުތަކުގައި ތިބި [ބެޑްމިންޓަން ކުޅޭ] ދަރިވަރުންނަށް މީގެ ފައިދާ ވަރަށްބޮޑަށް ކުރާނެ. ސްކޫލުތަކުގެ ބެޑްމިންޓަން އެހެން ލެވެލްއަކަށް ގެންދަން އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅު މިއީ،” މޫސާ ނާޝިދު ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، މި ކޯހުގެ ސަބަބުން އަތޮޅު ތެރޭގައި ބެޑްމިންޓަން ކުރި އަރުވަން ކޯހުގެ ބައިވެރިންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.