ބަހިއްޔާ ޕްރީ ސްކޫލުން ގެއްލުނު ފައިސާތައް އަދިވެސް ނުފެނޭ

އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް. އެތަނުގެ ފުރަތަމަ ފްލޯގައި މަތީ ތައުލީމުދޭ މަރުކަޒެއް ހިންގަން މައި ކޮލެޖަށް ވަނީ ދީފައި. ފޮޓޯ / އީޓީ ފައިލް ފޮޓޯ
އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް. އެތަނުން ގެއްލުނު ފައިސާތައް އަދިވެސް ނުފެނޭ. ފޮޓޯ / އީޓީ ފައިލް ފޮޓޯ

ބަހިއްޔާ ޕްރީ ސްކޫލުގެ ބެލެނިވެރިން މަސައްކަތު ދުވަސް ފާހަގަކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ހޯދާފައި ހުރި 25،000 އަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށްބުނެ، އެ މައްސަލަ ބަލައިދިނުމަށްއެދި ހުށަހެޅިތާ އަހަރެއްވީއިރުވެސް އަދިވެސް އެ ފައިސާއަށް

ވީގޮތެއް ނޭނގެ އެވެ.

މި މައްސަލާގައި އޭދަފުށީ ކައުންސިލަށް ރައްޔިތުންގެ ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މި ފައިސާތައް ގެއްލިފައިވާ ކަން އެނގުނީ މިދިޔަ އަހަރު ކުރީ ކޮޅު ބެލެނިވެރިންގެ ތެރެއިން ބަޔަކު އެ ފައިސާތަކަށް ވީ ގޮތެއް ހޯދަން ކުރި މަސައްކަތުންނެވެ.

“އަސްލު މިކަން ވީ ގޮތަކީ މިދިޔަ އަހަރު ޕްރީ ސްކޫލުތައް ސަރުކާރު ސްކޫލުތަކަށް ބަދަލު ކުރުމުން، ބެލެނިވެރިން ބޭނުންވީ 2015 ވަނަ އަހަރު ހޯދި ފައިސާތައް ތައުލީމީ މަރުކަޒަށް ހަދިޔާ ކުރަން. ދެން ބެލެނިވެރިންގެ ތެރެއިން ބަޔަކު ބެލި ބެލުމުން މި އެނގުނީ ފައިސާތައް ބަހިއްޔާ ޕްރީ ސްކޫލު ކަނބަޑެއްގައި ހުއްޓަ ގެއްލުނީކަން،” ބެލެނިވެރިއަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އެ އަހަރު ބެލެނިވެރިން ކުރި މަސައްކަތުން 25000ރ އާ ކައިރިކުރާ އަދަކަށް ފައިސާ ހޯދި އެވެ. އަދި ފައިސާތައް ގެއްލުނުކަމަށް ބުނާއިރު، ފައިސާ ރައްކާކޮށްފައި ހުރި ކަނބަޑު އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އޭގެ ފަހުން ފައިސާ ތައް ގެއްލިފައިވާކަމަށްބުނެ، ބަހިއްޔާ ޕްރީ ސްކޫލުގައި މަސައްކަތް ކުރާ މުވައްޒަފުން އެ މައްސަލަ ބަލައިދިނުމަށްއެދި ކައުންސިލަށް މައްސަލަ ހުށަހެޅުމުން އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅި އެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި ބަހިއްޔާ ޕްރީ ސްކޫލުން ގެއްލިފައިވަނީ 13000ރުފިޔާ ކަމަށާއި މައްސަލައިގައި ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ހޯދިފައެއް ނުވާ ކަމަށް ރަށު ކައުންސިލުންވަނީ ބުނެފަ އެވެ.

މިކަމާގުޅޭ ގޮތުން އޭދަފުށީ ކައުންސިލުގެ ރައީސާ ނާޒުނީނާ ޔޫސުފް އެންމެފަހުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވިދާޅުވީ، ފުލުހުންގެ ތަހުގީގު ރިޕޯޓް ކައުންސިލަށް މިހާރު ލިބިފައިވާ ކަމަށާއި މައްސަލަ ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އީޓީ އާ ވާހަކަ ދެއްކި ބައެއް އާއްމުން ބުނި ގޮތުގައި ގެއްލުނު ފައިސާ ތަކުގެ ޒިންމާ ނަގަންޖެހޭނީ ރަށުކައުންސިލުންނެވެ.

“މިއީ ކައުންސިލުގެ އިހުމާލުން ވީ ކަމެކޭ އަހަރެމެނަށް ބުނެވޭނީ، އެ ފައިސާ އަކީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭނެ ފައިސާ، މި މައްސަލަ ނުބެލި އަހަރަކަށްވުރެ ގިނަ ދުވަސްވީ،”

ބަހިއްޔާ ޕްރީ ސްކޫލް ފެށުނީއްސުރެ ހިންގަމުން އަންނަނީ އޭދަފުށީ ކައުންސިލުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.