ޓީމު ވަރުގަދަ ކުރީ ތަށި އަނބުރާ ހޯދަން، މުޅި ޓީމު އޮތީ އެކަމަށް ތައްޔާރަށް: ފެއިމްސް ޔުނައިޓެޑް

މި މުބާރާތުގައި ފެއިމްސް ޔުނައިޓެޑާއި ސޮނެވާފުށި ބައްދަލުކުރި މެޗެއްގެ ތެރެއިން. ސެމީ ފައިނަލުގައި 0-3 އަކުން ސޮނެވާ ބަލިކޮށް ފެއިމްސް ވަނީ ފައިނަލަށް ގޮސްފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މި މުބާރާތުގައި ފެއިމްސް ޔުނައިޓެޑާއި ސޮނެވާފުށި ބައްދަލުކުރި މެޗެއްގެ ތެރެއިން. ސެމީ ފައިނަލުގައި 0-3 އަކުން ސޮނެވާ ބަލިކޮށް ފެއިމްސް ވަނީ ފައިނަލަށް ގޮސްފައި | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މިއަދު ހަވީރު އިރުމަތި ލަވާސްއާ ދެކޮޅަށް ނިކުންނަ އިރު ފެއިމްސް ޔުނައިޓެޑް ޓީމު އޮތީ ތަށި ހޯދަން ތައްޔާރަށް ކަމަށާއި، ބޮޑު ޚަރަދުކޮށް ޓީމު ވަރުގަދަ ކުރީވެސް އެ ކާމިޔާބީ އަލުން ހޯދަން ކަމަށް ފެއިމްސް ޔުނައިޓެޑް ޓީމުން ބުނެފިއެވެ. މުބާރާތުގެ ފައިނަލް މެޗުގެ ކުރިން އީޓީއާ ވާހަކަ ދައްކަމުން ފެއިމްސް ޓީމުގެ މެނޭޖަރ އިބްރާހީމް ޝަހީމް ބުނީ އެޓީމުން މިފަހަރު ބޮޑު ހަރަދެއްކޮށް ވަރުގަދަ ކުޅުންތެރިން ހޯދީ ދެވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރަން ކަމަށެވެ.

” ހަގީގަތުގަ މި ޓީމުން ބޭނުންވަނީ މިތަށި އަނބުރާ ގެންނަން. މިދިޔަ ދެއަހަރު ސެމީ ފައިނަލުން ޓީމު ކެޓުމުން ޓީމުގެ މެނޭޖްމަންޓުން ބޮޑު ޚަރަދެއްކޮށް ރަށުގައި ތިބި ފުޓްސަލްގައި އެންމެ ނަންކިޔާ ކުޅުންތެރިން ހޯދީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން. އެކަމު އިދިކޮޅުން ކުޅޭ ޓީމަކީ މުބާރާތުގައި ވަރަށް މޮޅަށް ކުޅެފައިވާ ޓީމެއް. އެޓީމު ބަލިކުރޭވޭނީ ވަރަށް ހިތްވަރު ކޮށްގެން. މިޓީމަށް އެކަން ނުވާންވީ ސަބަބެއް ނެތް ”

ފެއިމްސް ޔުނައިޓެޑްގެ މެނޭޖަރ އިބްރާހިމް ޝަހީމް |އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ފެއިމްސް ޔުނައިޓެޑްގެ މެނޭޖަރ އިބްރާހިމް ޝަހީމް |އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މީގެ އިތުރުން ޝަހީމް ބުނީ ފެއިމްސް ޓީމަކީ މިހާރުވެސް ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެއް ކަމަށާއި، ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަކީވެސް ފައިނަލުގެ ތަޖުރިބާ ކޮށްފައިވާ ކުޅުންތެރިންކަމަށެވެ. އެއީ މިއަދުގެ މެޗަށް ނިކުންނަ އިރު ޓީމަށް ލިބިފައިވާ ހިތްވަރެއް ކަމަށް ޓީމުން ބުނެއެވެ. މީގެ އިތުރުން އެޓީމާ އެންމެ ވާދަވެރި ސޮނެވާފުށި ރިސޯޓު ބަލިކޮށް މުބާރާތުގެ ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީވެސް އެޓީމަށް ލިބިފައިވާ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ޝަހީމް ފާހަގަކުރިއެވެ.

މިއަދުގެ މެޗުގައި އެޓީމަށް ކުޅޭ އަޒްމީން އަބްދުއްސައްތާރުގެ އިތުރުން އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) އަދި އާދަމް ނިޒާމް (ކިތުނާ) ނިކުންނާނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ. މި ތިންކުޅުންތެރިން މިދިޔަ ދެއަހަރު ކުޅުނީ ޗެމްޕިއަން ސޮނެވާފުށި ޓީމަށެވެ. ފެއިމްސް ޓީމުން ބުނީ މި ތިންކުޅުންތެރިންނަށް މިމެޗު އިތުރަށް ހާއްސަވާ ކަމަށާއި، އެކުޅުންތެރިންގެ ހިތްވަރު މިއަދުގެ މެޗުގައި އިތުރަށް ފެނިގެންދާނެ ކަމަށެވެ.

އެންމެ ވަރުގަދަ ކުޅުންތެރިންނާއި އެކު މި މުބާރާތާއި ކުރިމަތިލި ފެއިމްސް ޔުނައިޓެޑް ޓީމުވަނީ އެޓީމު ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. އަދި ކުއަޓަރ ފައިނަލުގައި ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑްގެ މައްޗަށް ކާމިޔާބު ހޯދިއިރު ފައިނަލަށް ދަތުރުކުރީ ސެމީގައި މިދިޔަ ދެއަހަރުގެ ޗެމްޕިއަން ސޮނެވާފުށި ރިސޯޓް ބަލިކޮށްފައެވެ.

މުބާރާތުގެ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 4:30 ގައި އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗު ދަ ބިގިނާސް ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.