ބ. އަތޮޅުގައި ހުމުގެ ރޯގާ ޖެހޭ މީހުން ބާރު ސްޕީޑުގައި މައްޗަށް!

އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށްފަހު ބަޔަކު ނިކުންނަނީ. ހުން ޖެހޭ މީހުންގެ އަދަދު ބ. އަތޮޅުގައި ވަރަށް ބޮޑަށްވަނީ މަތިވެފައި.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށްފަހު ބަޔަކު ނިކުންނަނީ. ހުން ޖެހޭ މީހުންގެ އަދަދު ބ. އަތޮޅުގައި ވަރަށް ބޮޑަށްވަނީ މަތިވެފައި.– ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހިގެން ބ. އަތޮޅުގެ ރަށްތަކުން ރިޕޯޓްކުރާ މީހުންގެ އަދަދު މަތިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން މިއަދު އާއްމު ކުރި ހިސާބުތައް ދައްކާ ގޮތުން ހުމުގައި އިއްޔެ ބ. އަތޮޅުން 90 މީހުން ފަރުވާ ހޯދަފައިވެ އެވެ. މިއީ އޭގެ ކުރީ ދެ ދުވަހު ހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

އެ ހިސާބުތަކުން ދައްކާގޮތުގައި، ހުމުގައި އިއްޔެ އެންމެ ގިނައިން ފަރުވާ ހޯދާފައި ވަނީ ލ. އަތޮޅާއި ރ. އަތޮޅުންނެވެ. ލ އަތޮޅުން 167 މީހަކު ފަރުވާ ހޯދިއިރު، ރ. އަތޮޅުގެ އަދަދު އުޅެނީ 150ގަ އެވެ.

ހުން ޖެހިގެން ޑޮކްޓަރަށް ދައްކާމީހުންގެ އަދަދު އިތުރުވަމުންދާއިރު، ހުމުން ރައްކާތެރިވުމުގެ ގޮތުން މާދަމާ ރަށުތެރެ ސާފުކުރަން ބ. އަތޮޅު ހޮސްޕިޓަލުންދަނީ ތައްޔާރު ވަމުންނެވެ.

އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ހުމުގެ ތެރެއިން ބައެއް މީހުން އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެ ބައްޔަށް މިހާތަނަށް 105 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

ސްވައިން ފްލޫ ޖެހުމުން ނުރައްކާ އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިންނަށާއި ދިފާއީ ބާރު ދެރަ ކުޑަކުދިންނާއި މީހުންނަށް އަދި ދާއިމީކޮށް ފަރުވާ ހޯދަންޖެހޭ ބަލިތައް ހުންނަ މީހުންނަށެވެ.

ނޭވާލުމުގެ ނިޒާމުގައި މައްސަލަތަކެއް ހުންނަ އަންހެނަކު ހުން ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް އިއްޔެ ރޭ ފަތިހު ވަނި މަރުވެފަ އެވެ. އެހެން ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް، އަދި އޭނާ އެޗް1އެން1 އަށް ޕޮޒިޓިވް ކަމެއް އަދި ސާފެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.