މުދާ އުފުލާ ދޯންޏެއް ރޭ ދަންވަރު ބ. ދޮންފަނު ފަރަށް އަރައިފި އެވެ.
މާލޭ އެލްއެފް ކޮންސްޓްރަކްޝަންގެ އެ ދޯނި ދޮންފަނު އިރުމަތީ ފަރާތު ފަރުމައްޗަށް އަރާފައިވަނީ ރޭ ދަންވަރު އެވެ.
ބ. ދޮންފަނުން ކައުންސިލުގެ މެންބަރު ހުސައިން ހަފީޒު ވިދާޅުވި ގޮތުގައިި އެ ދޯނި ފަރަށް އެރީ އެރަށު މިސްކިތް ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ބޭލުމަށްފަހު، އެނބުރި މާލެ ދާން ފުރި ތަނާ އެވެ.
ދޮންފަނު ކައުންސިލުން ބުނި ގޮތުގައި އެ ދޯނި ފުން ކުރުމުގެ މަސައްކަތް އެރަށު ދޯނިފަހަރު ބޭނުންކޮށްގެން ކައުންސިލާއި، ރައްޔިތުން ގުޅިގެން ރޭ ފަތިހު 5:30 ވަންދެން ކުރިއެވެ. ނަމަވެސް އަދިވެސް ދޯނި ފުންކުރެވޭގޮތްވަނީ ނުވެފަ އެވެ.
އެ ދޯނި ވަނީ އެރަށު ފަރު ތެރެއަށް ވަރަށް ބޮޑަށް އަރާފަ އެވެ. އަދި މިވަގުތު ދިޔަވަރު ހިކިކަމުން ފުންކުރުމުގައި މާ ބޮޑު ކުރިއެރުންތަކެއް ނުލިބޭ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.