އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް އަލުން ފައިސާ ދިނުމަށް އެދެފި

މާލޭގެ ބާޒާރުމަތީ ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ އަލުން ދިނުމާ މެދު ގޮތެއް ނިންމައިދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ން ފިނޭންސް މިނިސްޓްރީގައި އެދެފި އެވެ.

އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަހުމަދު ޝުކުރީ މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހާއްސަކޮށް، މީގެ ބައި ގަރުނަށް ވުރެ ކުރިން މާލޭގައި ހުޅުވި ފިހާރަތަކުން އަތޮޅުތަކަށް ލިބެން ޖެހޭ ފައިސާ ދިނުން ހުއްޓިފައި ވަނީ ކައުންސިލްތައް ތައާރަފްވުމާ ހަމައިން ކަމަށެވެ. އެކަމަކު އެއަށް ވުރެ ކުރިން ވެސް ބައެއް އަތޮޅުތަކަށް ފައިސާއެއް ނުލިބެ އެވެ.

ޑރ. ޝުކުރީ ވިދާޅުވީ އެ ފައިސާ އަލުން ދޭން ފެށުމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް އެލްޖީއޭ އިންނާއި ހޯމް މިނިސްޓްރީން ފިނޭންސްގައި އެދިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަތޮޅު ފިހާރަތަކަށް ކުލީގެ ގޮތުގައި ލިބޭ ފައިސާއިން ބޮޑު ޕަސެންޓެއް އަތޮޅުތަކަށް ލިބެން ޖެހޭއިރު، އެ ފައިސާ ދިނުން ހުއްޓުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަތޮޅު ފިހާރަތަކުން ލިބޭ ފައިސާގެ ގޮތުގައި ގިނަ އަތޮޅުތަކަށް ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ.

އދ. އަތޮޅު ކައުންސިލްގެ މެމްބަރު އަދި އެލްޖީއޭގެ ބޯޑު މެމްބަރު މުހައްމަދު މާހިރު ވިދާޅުވީ އަތޮޅު ފިހާރަތަކުން އެ އަތޮޅަށް ލިބެން ޖެހޭ ފައިސާ 2002 ވަނަ އަހަރު ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ފައިސާ ދިނުން ހުއްޓާލީ އޭރު އެކަން ކުރަމުން އައި އެޓޯލްސް މިނިސްޓްރީ ހިންގި އިމާރާތް ތަރައްގީ ކުރުމަށް ފައިސާ ހޯދުމަށް ކަމަށް ބުނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެކަމަކު މިނިސްޓްރީ އުވާލަން ނިންމުމުން ވެސް އަޅުގަނޑުމެންނަކަށް އެ ފައިސާއެއް ނުލިބޭ. އަތޮޅުގެއިން ލިބޭ ފައިސާގެ ގޮތުގައި މި އަތޮޅާއި އދ. އަތޮޅަށް ގާތްގަނޑަކަށް އަހަރަކު ދޮޅު ލައްކައެއްހާ ރުފިޔާ ލިބޭ،” މާހިރު ވިދާޅުވި އެވެ.

އެލްޖީއޭން ބުނީ މި ފައިސާ އަލުން ކައުންސިލްތަކަށް ހަވާލުކުރުމާ މެދު ގޮތެއް ނިންމުމަށް ފިނޭންސްގައި އެދިފައި ވީ ނަމަވެސް ކުރީ އަހަރުތަކުގެ ފައިސާ އެއްކޮށް ދިނުމަށް ނާންގާ ކަމަށެވެ.

“އަޅުގަނޑުމެން އެންމެ ފުރަތަމަ ބޭނުންވަނީ މި ފައިސާ އަލުން ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުން. ކުރީ އަހަރުތަކުގެ ފައިސާ ހޯދުމަށް މަސައްކަތް ކުރާނީ އަދި ފަހުން،” ޑރ. ޝުކުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ މަސް ނުވަތަ ޖެނުއަރީ މަހުގެ ތެރޭގައި މިކަމާ މެދު ގޮތެއް ނިންމައިދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އަތޮޅު ފިހާރަތަކަކީ ރަށްރަށުގެ ރައްޔިތުން ބާރުވެރިކުރުވުމަށް ސަރުކާރުން އޭރު ހިންގި މަޝްރޫއެއްގެ ދަށުން ގާއިމު ކުރި ފިހާރަތަކެކެވެ. ފިހާރަތައް ހުރި ސަރަހައްދު ކުރިން ހިއްކާފައިވަނީ ރަށްރަށުގެ މީހުން އަމިއްލަ އަށެވެ. / ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.