އެހީގެ ގޮތުގައި ދެލައްކައަށްވުރެ ގިނަ ރުފިޔާ ދެވުނު: އަތޮޅު ކައުންސިލް

B. Atoll Council

މިދިޔަ އަހަރު ބ. އަތޮޅު ކައުންސިލުން އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދެލައްކަ އަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

ބ. އަތޮޅު ކައުންސިލުން އާއްމު ކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަތޮޅު ކައުންސިލުގެ މިދިޔަ އަހަރުގެ ބަޖެޓުން އަތޮޅުގެ ރަށްރަށަށް އެހީގެ ގޮތުގައި 201585ރ. (ދެލައްކަ އެއްހާސް ފަސްސަތޭކަ އަށްޑިހަ ފަސް ރުފިޔާ) ވަނީ ދޫކޮށްފަ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވަނީ، ކުޅިވަރު ހަރަކާތްތަކަށެވެ. އެގޮތުން ތަފާތު އެކި ކުޅިވަރު މުބާރާތްތައް ބޭއްވުމަށާއި އަދި އެ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކަށް ކައުންސިލުގެ ފަރާތުން 2016 ވަނަ އަހަރު ވަނީ، -/74585 ރ. (ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ފަސްރުފިޔާ) އެހީގެ ގޮތުގައި ދީފައިވެ އެވެ.

އެގޮތުން އެންމެ ބޮޑު އެހީއެއް ކައުންސިލުން ދީފައިވަނީ ވަނީ، ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި ބައިވެރިވި ޓީމްތަކަށެވެ. އެ ޓީމުތަކަށް 20،000 ރުފިޔާ ގެ އެހީ ދީފައިވާއިރު، ބައެއް ރަށްރަށުގެ ކައުންސިލުތަކުން ބޭއްވި ކުޅިވަރު މުބާރާތްތަކަށް 16860 ރ އެހީގެ ގޮތުގައި ދީފައިވެ އެވެ. އަދި ދެ ޖަމިއްޔާއަކަށް ކުޅިވަރު މުބާރާތްތައް ބޭއްވުމަށް އެހީގެ ގޮތުގައި 12000ރ ދީފައިވެ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން ދެން އެންމެ ބޮޑު އެހީއެއް ވެފައިވަނީ ރަށްރަށުގެ އިޖުތިމާއީ މަސައްކަތް ތަކަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށާއި ފާލަން އެޅުމަށާއި ކުޑަކުދިންގެ ޕާކު ހެދުމުގެ އިތުރުން ބަނދަރު މަރާމާތު ކުރުންފަދަ ކަންތައްތަކަށް ބައިލައްކައެއްހާ ރުފިޔާގެ އެހީދީފައިވެ އެވެ.

2016 ވަނަ އަހަރު ބ. އަތޮޅު ކައުންސިލުން ފާސްކޮށްފައިވަނީ 7,820,297ރ. (ހަތްމިލިއަން އަށްލައްކަ ވިހިހާސް ދުއިސައްތަ ނުވަދިހަ ހަތްރުފިޔާ) ގެ ބަޖެޓެކެވެ.

ބ. އަތޮޅު ކައުންސިލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ކައުންސިލްގެ ޖުމްލަ ޚަރަދު ކޮށްފައިވަނީ 7,723,027ރ. (ހަތްމިލިއަން ހަތްލައްކަ ތޭވީސްހާސް ހަތާވީސް ރުފިޔާ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.