އޮޅުވެލިފުށި ބަލިކޮށް އޭދަފުށި ޒޯން 3 ގެ ފައިނަލަށް

މިއަދު ހަވީރު އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރި މެޗްގައި ފާއްޓެ ބޯޅަ ހިފައިގެން ކުރިޔަށްދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރި މެޗްގައި ފާއްޓެ ބޯޅަ ހިފައިގެން ކުރިޔަށްދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފައިނަލުގެ ފަހު ޖާގަ ޗެންޕިއަން އޭދަފުށިން ހޯދައިފިއެވެ.

އޭދަފުށިން ފައިނަލުގެ ފަހު ޖާގަ ހޯދީ މިއަދު ހަވީރު އޮޅުވެލިފުށީ ފުޓްބޯޅަ ދަނޑުގައި އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރި މެޗް 0-1 ގެ ނަތީޖާއަކުން އޭދަފުށި ކާމިޔާބު ކުރުމާގުޅިގެންނެވެ. މި މެޗްގައި އޭދަފުށި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އަބްދުލް ސަލާމު އަހުމަދެވެ. އޭދަފުށިން މެޗުގެ ލީޑު ނެގުމުން އޮޅުވެލިފުށިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އޭދަފުށީގެ 5 ކުޅުންތެރިޔަކަށް ވަނީ ރީނދޫ ކާޑް ދައްކާފައެވެ.

އޭދަފުށި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާކަމަށްވާ އިޝާން އިބްރާހިމް (ސައްޓު) އާ ނުލާ ކުޅުނު މި މެޗްގައި އޭދަފުށި ޓީމުންވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ހިފޭގޮތް ނުވެފައެވެ. މި މެޗްގައި އޮޅުވެލިފުއްޓަަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. އޮޅުވެލިފުށިން ގޯލަށް ފޮނުވާލި ހަމަލާ މަތީ ދަނޑީގައި ޖެހިފައި ވެއްޓުނީ ގޯލް ލައިން މައްޗަށެެވެ. ނަމަވެސް އެވަގުތު އޭދަފުށި ޓީމުގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ބޯޅަ ކުޅުމުގެ ތެރެއަށް ފޮނުވާލާފައެވެ.

މި މުބާރާތުގެ ފަައިނަލަށް އޭދަފުށި ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އޭދަފުއްޓާއި އޮޅުވެލިފުށި ބައްދަލުކުރާ ފައިނަލަށް މެޗް އޮންނާނީ މިމަހު 27 ވާ ބުރާސްފަތި ދުވަހު ހަވީރު އޮޅުވެލިފުށި ފުޓްބޯޅަ ދަނޑުގައެެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    އޭދަފުށީގެ 5 ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދެއްކި ކަމަށް ބަޔާންކޮށް، އޮޅުވެލިފުށީގެ ކުޅުންތެރިޔަކަށް ރީނދޫ ނުވަތަ ރަތް ކާޑެއް ދެއްކިކަން ޚަބަރުން އެނގެން ނެތުމުން ދޭހަވަނީ، އޭދަފުށީ ކުޅުންތެރިން މިހާރަށްވުރެ ބޮޑަށް މެޗްތަކުގައި ޑިސިޕްލިން ރަނގަޅުކުރަންޖެހޭކަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.