ދުނިޔޭގެ އެންމެ ހިތްގައިމު 75 ހޮޓެލް ތެރޭގައި ވޯވަށް ހިމެނިއްޖެ

ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރި ޕްރައިވެޓް އައިލެންޑްގެ ކޮޓަރިއެއް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.
ފޯސީޒަނުން ބ. ވޯވަށުގައި ތަރައްގީކުރި ޕްރައިވެޓް އައިލެންޑްގެ ކޮޓަރިއެއް: އެ ރަށުގައި ހަތް ކޮޓަރި ހުރޭ.

އެމެރިކާގެ މަޝްހޫރު ޓޫރިޒަމް މަޖައްލާ “ކޮންޑެ ނާސްޓް ޓްރެވެލާ” އިން ހޮވި ދުނިޔޭގެ އެންމެ ހިތްގައިމު 75 ހޮޓެލް ތެރޭގައި ރާއްޖޭގެ ދެ ރިސޯޓެއް ހިމެނިއްޖެއެވެ.

އެއީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ފޯ ސީޒަންސް އިން ތަރައްގީ ކުރި ފުރަތަމަ ޕްރައިވެޓް އައިލެންޑް ރިސޯޓް ކަމަށްވާ ވޯވަށް ޕްރައިވެޓް އައިލެންޑާ ދ. އަތޮޅުގައި ސެއިންޓް ރެޖިސް އިން ހިންގާ ވޮއްމުލި ރިސޯޓެވެ.

ފޯ ސީޒަންސް އިން ބ. އަތޮޅުގައި ހިންގާ ލަނޑާގިރާވަރު ރިސޯޓުން ގާތްގަނޑަކަށް 20 މިނިޓުން ދެވޭ ވޯވަށް ހުޅުވާފައިވަނީ، މިދިޔަ އަހަރު ފަހުކޮޅު އެވެ.

ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ވޯވަށުގައި ހުންނަނީ އެންމެ ހަތް ކޮޓަރި އެވެ. މީގެ އިތުރުން، ގިނަވެގެން ފަހަރަކު 22 ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި ރަށުގައި ދެ ބުރީގެ ބީޗް ހައުސްއެއް ހުރެ އެވެ. އެ ތަނުގައި ކާ ތަނަކާއި ނިދާ ކޮޓަރިއަކާއި ސްވިމިން ޕޫލަކާއި ލައިބްރަރީއެއް އަދި ޖިމެއް ހުރެ އެވެ.

މި ރަށުގައި ސްޕާއަކާއި ޔޯގާ އަދި މެޑިޓޭޝަން ފަދަ ކަންކަން ކުރެވޭނެ ތަނެއް ވެސް ވަނީ ތަރައްގީ ކޮށްފަ އެވެ. އަދި އިސްތަށިގަނޑުގައި ބޭނުންކުރާ ތަކެތި އުފައްދާ އިޓަލީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޮސާނޯ ފެރޭޓީގެ ތަޖުރިބާކާރަކު ވެސް ގެސްޓުންގެ ހިދުމަތުގައި ހަރަކާތްތެރިވެ އެވެ.

ފޯސީޒަނުން ބ. ވޯވަށް
ފޯސީޒަނުން ބ. ވޯވަށް

ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ވޯވަށް ތަރައްގީކޮށްފައިވަނީ ސަލާމަތީ ގޮތުން ވެސް ގިނަ ފިޔަވަޅުތަކެއް ހިމަނައިގެންނެވެ. އެ ގޮތުން، އެންމެ ކޮޅަކުން އެ ރަށަށް ދެވޭ ގޮތަށް ހަދާފައިވާ އިރު، ރަށުގެ އެކި ހިސާބުތަކުގައި ސީސީޓީވީ ކެމެރާގެ އިތުރުން ނައިޓް ވިޝަން ކެމެރާ ވެސް ވަނީ ހަރުކޮށްފަ އެވެ. އަދި 24 ގަޑިއިރު ސެކިއުރިޓީން ރަށު ތެރޭގައި ހަރަކާތްތެރިވާނެ އެވެ.

“ކޮންޑެ ނާސްޓް ޓްރެވެލާ” އިން ހޮވި ދުނިޔޭގެ އެންމެ ހިތްގައިމު 75 ހޮޓެލް ތެރޭގައި ރާއްޖޭގެ ބ. އަތޮޅު ވޯވަށް ހިމެނުނުއިރު، އެ މަޖައްލާގެ ޗައިނާގެ އަދަދުން މިދިޔަ ހަފުތާގައި ހޮވި ރާއްޖޭގެ އެންމެ ކަމުދާ ހޮޓެލްގެ އެވޯޑު ލިބުނީ މިއަތޮޅުިގައި ހިންގާ ސޮނެވާފުށި ރިސޯޓަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.