64 ވަނަ ރެޑީ ކޭމްޕް ދަރަވަންދޫގައި ފަށައިފި

64thReady

ސާނަވީ މަރުހަލާގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ހިންގަމުންދާ ރެޑީ ކޭމްޕް ސިލްސިލާގެ 64 ވަނަ ކޭމްޕު ބ. ދަރަވަންދޫގައި ފަށައިގެން ކުރިއަށް އެބަދެ އެވެ.

އިއްޔެ ފެށީ މިކޭމްޕް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ކޭމްޕުގައި ބ. ދޮންފަނު ސްކޫލާއި ކިހާދޫ ސްކޫލުގެ އިތުރުން ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގައި ތަޢުލީމު ހާސިލްކުރާ 72 ދަރިވަރުން ބައިވެރިވެއެވެ.

ފުލުހުން ބުނި ގޮތުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދާނެ އެވެ.

އެގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދެނެ އެވެ. އަދި އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢޫލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދޭނެ ކަމަށް ފުލުހުން ބުންޏެވެ.

މި ކޭމްޕު ކުރިއަށް ގެންދިޔުމުގައި ކިހާދޫ ސްކޫލާއި ދޮންފަނު ސްކޫލުގެ އިތުރުން ބ. އަތޮޅު މަދަރުސާއާއި ބެލެނިވެރިންނާއި ދަރަވަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.