ވިއްސާރައިގައި ގޮއިދޫ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް

މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި ގޮއިދޫގައި ހައްދާފައިހުރި ދޮންކެޔޮ ދަނޑަކަށް ގެއްލުން ލިބިފައި. އީޓީ ފޮޓޯ/ފާތުމަތު ޒުހުދާ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި ބ. ގޮއިދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ގޮއިދޫގެ ބައެއް ދަނޑުވެރިން ބުނިގޮތުގައި މިދިޔަ ހަފުތާގައި އެ ރަށަށް ކުރި ވިއްސާރައިގައި ބައެއް މިރުސް ގަސްތަކާއި ދޮންކެޔޮ ގަސްތައް ވެއްޓި ބައެއް ކަރާ ވެޔޮތަކުގެ ކުރާ ގަނޑުތައްވަނީ ހަލާކުވެފަ އެވެ. އ އެރަށު ދަނޑުތަކަށް ލިބުނު ގެއްލުން ބައެއް ލަފާކުރި ގޮތުގައި ބައިމިލިޔަން ރުފިޔާވަރު އަރާނެ އެވެ.

ބާރަށް ވައި ޖެހި ވިއްސާރަ ވުމުގެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެރަށު މިރުސް ދަނޑުތަކަށެވެ.

މިރުސް ދަނޑު ހައްދާ ޔާމީން ބުނި ގޮތުގައި ވިއްސާރައިގެ ސަބަބުން އޭނާގެ މިރުސް ދަނޑަށް ދިހަހާސް ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ލަފާ ކުރެވެ އެވެ. ނަމަވެސް މި ރޯދަމަހު ކޮންމެވެސް ވަރަކަށް މިރުސް ބާޒާރަށް ނެރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ޔާމީން އޭނާގެ މިރުސް ދަނޑުގައި، އޭނާގެ މިރުސް ދަނޑަށް ވިއްސާރައިގައި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި. އީޓީ ފޮޓޯ/ ފާތުމަތު ޒުހުދާ

ދަނޑުވެރިންނާ ހަވާލާދީ އެރަށު ކައުންސިލުގެ މެންބަރު އިލްޔާސް އިބްރާހީމް ވިދާޅުވީ ވިއްސާރައިގައި އެ ރަށުގެ ދަނޑުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން ކުރިން ލަފާކުރި އަދަދަށް ބާޒާރަށް ތަކެތި ނުނެރެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަހަށް، އެ ރަށުގައި ހައްދާ ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި ގޮއިދޫގައި ހައްދާފައިހުރި މިރުސް ދަނޑަކަށް ގެއްލުން ލިބިފައި. އީޓީ ފޮޓޯ/ފާތުމަތު ޒުހުދާ
ގޮއިދޫ ކަރާ ދަނޑެއްގައި މީހަކު މަޑުކޮށްލައިގެން. މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި ބައެއް ކަރާ ދަނޑުތަކަށްވެސް ވަނީ ގެއްލުން ލިބިފައި. އީޓީ ފޮޓޯ/ފާތުމަތު ޒުހުދާ

މިއަހަރުގެ ހުޅަގު މޫސުމާ ދިމާކޮށް ރާއްޖެ އަށް މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.