ކަމަދޫ ޔަކީސް ޖަމިއްޔާގެ ރޯދަ ހަދިޔާ: ކަރަންޓް މުޅިން ހިލޭ

މި ރޯދަ މަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ރަށްރަށުގެ ކައުންސިލުތަކުން އައީ ތަފާތު ހަދިޔާތައް ދެމުންނެވެ. އެގޮތުން މިއަތޮޅު މާޅޮހުގައި ކޮންމެ ގޭ ބިސީއަކަށް ފަސް ކިލޯ ފިޔާ ބަހާފައިވާއިރު ކިހާދޫގައި ވަނީ ރޯދަ ހަދިޔާގެ ގޮތުގައި އެރަށު ކޮންމެ މީހަކަށް ފަސް ކާށި ދީފަ އެވެ.

އެކަމަކު ކަމަދޫ ރައްޔިތުންނަށް އެރަށު ޔޫތު އެސޯސިއޭޝަން އޮފް ކަމަދޫ އިނިޝިއޭޓިވްސް (ޔަކީސް ޖަމިއްޔާ) އިން ދޭ ހަދިޔާ މާ ބޮޑެވެ. އެ ޖަމިއްޔާއިން ވަނީ ރޯދަ މަހުގެ ކަރަންޓު ފީ އެއްކޮށް ދައްކައިދޭން އެއްބަސްވެފަ އެވެ.

ޔަކީސް ޖަމިއްޔާއިން ބުނީ ކަމަދޫ ރައްޔިތުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުން ގޭ ބިސީތަކުގެ ޖޫންމަހުގެ ކަރަންޓުބިލް ދައްކައިދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ކުލި ދައްކައިގެން ދިރިއުޅޭ ފަރާތްތަކުން އެފަރާތުން (ކުލި ދައްކާފަރާތް) ކަރަންޓުބިލް ދައްކާފަރާތްތަކާއި ވިޔަފާރި އުސޫލުން މަސައްކަތްކުރާ ތަންތަނާއި ސިނާއީ މަސައްކަތްކުރާ ތަންތަންނާއި ސަރުކާރު އިމާރާތްތައް ނުހިމެނޭނެކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ރަށު މީހަކު ބުނި ގޮތުގައި ޔަކީސް ޖަމިއްޔާގެ މި ހަދިޔާއާ މެދު ރައްޔިތުން ތިބީ ވަރަށް އުފާވެފަ އެވެ.

ޔަކީސް ޖަމިއްޔާ އަަކީ ކަމަދޫގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން އެޖަމިއްޔާގެ ފަރާތުން ކަމަދޫގައި ހަދާފައިވާ ކުޑަކުދިންގެ ޕާކު ފާހަގަކޮށްލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.