ލިރުޣާމް: މިއީ އަސްލު ވަރުބަލިނުވާ މީހަކީ

ލިރުޣާމް އީޓީ އަށް އިންޓިވިއުދެނީ– ފޮޓޯ/ރާއިފް ޔޫސުފް/އީޓީ

މިއީ އެހެން ގިނަ ޒުވާނުންނާ ތަފާތު މީހެކެވެ. ތަފާތުވާ ސަބަބުތައް ބައިވަރެވެ. އޭނާއަކީ ފިސާރި މުރާލި މީހެކެވެ. ކުރަން ލަދުގަންނަ މަސައްކަތެއްނެތެވެ. ކިތަންމެ އަވަހަށް މަސައްކަތަށް ނުކުންނަންޖެހުނަސް އޭނާއަށް މައްސަލައަކަށް ނުވެއެވެ. އަރާމެއްނެތި މުޅި ދުވަސް ދުއްވާލަން ޖެހުމަކުން އޭނާ ކަންބޮޑެއްނުވެއެވެ. އޭދަފުށްޓަށް އުފަން އުމުރުން 31 އަހަރުގެ ލިރުޣާމް ވަޙީދު ނަމޫނާ ޒުވާނަކަށްވަނީ އެހެންވެއެވެ.

އާމްދަނީ ހޯދުމަށްޓަކައި މީގެ ގާތްގަނޑަކަށް ބާރަ ވަރަކަށް އަހަރުކުރިން ލިރުޣާމް ފެށި މަސައްކަތްވެސް ތަފާތެވެ. ދިރިއުޅުން އާރާސްތުކުރުމަށްޓަކައި އޭރު ވިހި އަހަރުވެސް ނުވާ މި ޒުވާނާ އިޚްތިޔާރުކުރީ އެންމެ އާންމު ބަހުންނަމަ ވެއްޔަށް ދިއުމެވެ. ހައްޓަށް ނުލާހިކު ބުރަ އެ މަސައްކަތް އޭނާ ފެށީވެސް ބޮޑު ބުރައެއް ކޮނޑުއަޅައިގެންނެވެ. ވެއްޔަށް ދިއުމަށްޓަކައި ކުޑަ ދޯންޏެއް ލިރުޣާމް ހޯދީ ލައްކައަކާ ގާތްކުރާވަރުގެ ލޯނެއް ނަގައިގެންނެވެ. ނަތީޖާއާ ދޭތެރޭ އޭރުވެސް އޭނާއަށް އިތުބާރު އޮތެވެ. އެކަމަކު އެކަން އޭނާގެ އެންމެ ގާތް މީހުންނަށްވެސް ހަޖަމްކުރަން އޭރު ފަސޭހަކަމަކަށް ނުވިއެވެ.

“ބައްޕަވެސް ވަރަށް ރުޅިއައި ދޯނީ ގަނެގެން. ވިއްކާނުލައިގެންވެސް ވަރަށް ހަޅޭލި އަދިވެސް ހަނދާން ހުރޭ އެކަން،” ލިރުޣާމް ކިޔައިދިނެވެ.

އެކަމާ ލިރުޣާމްގެ އެއްވެސް ޝަކުވާއެއް ނެތެވެ. ބައްޕަ ހުރީ މިއަދު މާ ބޮޑަށްވެސް ހިތްހަމަޖެހިފައެވެ. ވެލީގެ މަސައްކަތުން ފުރަތަމަ އަހަރު ހޯދި އާމްދަނީން ލޯން އަދާކުރިއެވެ. މިހާރު ލިރުޣާމްގެ އަތުގައި ޑިންގީއަކާއި، ލޯންޗަކާއި، ޕިކަޕެއް އެބައޮތެވެ. އެކަމަކު މިހުރިހާ އެއްޗެއް ލިރުޣާމް ހޯދީ މަންމައާ ބައްޕަ ހައްޖައް ފޮނުވުމަށްފަހުއެވެ. މިއީ ހައްތާވެސް ވެލީގެ މަސައްކަތުން އޭނާ ހޯދި ކުރިއެރުންތަކުގެ ނަތީޖާއެވެ.

ލިރުޣާމު އޭނާގެ މަސައްކަތު މީހުންނާއެކު ގާއެޅޫމުގެ މަސައްކަތުގައި– ފޮޓޯ|ރާއިފް ޔޫސުފް/އީޓީ

ގިނަ މީހުން އިތުރު މަސައްކަތެއް ފަށަނީ ހަމައެކަނި އާމްދަނީއަށް ވިސްނައިގެންނެވެ. އެކަމަކު ލިރުޣާމް ދެވަނަ މަސައްކަތެއް ފެށީ ވެލީގެ މަސައްކަތަށްފަހު ދުވަހުގެ އެއްބައި ހުސްކޮށް އޮންނާތީއެވެ.

“މިހާރު ވާގޮތަކީ ވެލި ގެނެސްފިއްޔާ ދުވާލުގެ އެއްކޮޅު ނިމެނީ، ދެން މެންދުރު ފަހު ކުރާނެ މަސައްކަތެއް ނޯވޭ، ދެން އެވަގުތުކޮޅުވެސް ކޮށްލެވޭ ވަރުކަމަކަށް ބެލީ، ބެލިއިރު އެންމެ ރަގަޅުކަމަކަށް ފެނުނީ ދަތުރުކޮށްލުން، އެހެންވެ ޑިންގީއެއް ގަތީ.” އެންމެ ފުރަތަމަ އޭދަފުށީގައި އިންޖީނުއެޅި ޑިންގީއެއް ދުއްވަންފެށި ޒުވާނާ ބުންޏެވެ. އެހާހިސާބުންވެސް ލިރުޣާމަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ހުސްވަގުތު އެއީ އޭނާ މާގަަޔާވާ އެއްޗަކަށް ނުވިއެވެ. އޭނާގެ އުފަލަކަށް ހެދީ ވީހާވެސް ގިނަ މަސައްކަތްތަކެއްގެ ތެރޭގައި ޝަމިލްވުމެވެ. މިހާރުވެސް އޭނާ ވެއްޔަށް ދެއެވެ. ގާއަޅައެވެ. މަސްވެރިކަމަށް ނުކުމެއެވެ. ޑިންގީ ދުއްވައެވެ. ލޯންޗް އޮޕަރޭޓްކުރެއެވެ. ޕިކަޕް ގައިމުވެސް އޮންނަނީ އަބަދު ޕާކްކޮށްފައެއް ނޫނެވެ. އެކަމަކު މިހުރިހާ ކަމެއް އެއްފަހަރާ ހިނގަނީ މަދުފަހަރަކުއެވެ. އެއީވެސް މުހިއްމު ސަބަބަކާހުރެއެވެ. ކޮންމެ މަސައްކަތެއް ކުރިއަސް މަދު ފަހަރަކު ނޫނީ ލިރުޣާމަކީ ކެޕްޓަނެވެ.

ލިރުޣާމްގެ މަސައްކަތްތަކުން ފާހަގަކުރެވުނު އެހެން ކަމެއްވެސް އަދި އެބައޮތެވެ. އޭނާގެ މަސައްކަތުގައި އަތްގާތްކޮށްދޭން މުޅިންވެސް ގެންގުޅެނީ ދިވެހިންނެވެ. އެކަމަކު އޭނާ ބުނިގޮތުގައި އެއީ ގޮންޖެހުންތަކެއްވެސް ހުރިކަމެކެވެ. “ދިވެހި ކުދިން ލައިގެން މިކަހަލަ މަސައްކަތްތައް މިހާރު ކުރުމަކީ ވަރަށް އުނދަގޫކަމެއް، އެހާ ހިތްވަރު ނުހުންނަނީ، ކުރަން ނުކެރެނީ، ކޮންމެ ކަމެއް ޖެހެނީ ބުނަން، ކޮންމެ ފަހަރަކު ޖެހެނީ ހޯދަން، ދެން މިކަހަލަ މަސައްކަތްތައް ގިނަ ދިވެހިންނަށް ހަޑި މަސައްކަތްތަކަކަށް ވަނީ” ދިވެހި ބައެއްކުދިންގެ މަސައްކަތާ ދޭތެރޭ ލިރުޣާމްގެ ހިތުގައިހުރި ޝަކުވާތައް އޮއްސާލިއެވެ.

ލިރުޣާމު ގާ އުފުލުމުގެ މަސައްކަތުގައި

ލިރުޣާމްގެ މިބުރަ މަސައްކަތުގައި ދެމިހުރުމަށް އޭނާއަށް އެންމެ ބޮޑު ހިތްވަރަކަށްވަނީ އަނބިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމެވެ.

“އަންހެނުން ހަގީގަތުގައި ވަރަށް ރަގަޅު. ޝަކުވާއެއް ނުކުރޭ، އަންހެނުން ލޯބިލޯބި ދެކުދިން ގޮވައިގެން އެއުޅެނީ، ޝަކުވާތަކެއް ކުރާ ނަމަ މިހެންނެއް ނޫޅެވޭނެއެއްނު” ލިރުޣާމް ބުންޏެވެ.

އެއީ ވަރަށް ބޮޑު ތެދެކެވެ. އެއާއެކުވެސް ލިރުޣާމް ގަބޫލުކުރާގޮތުގައި އޭނާއަށް މިހާރު އާދެވިފައި އެހުރި ހިސާބަށް އާދެވުނީ ވަގުތު ބޭކާރުނުކޮށް އޭނާ ކުރި މަސައްކަތުންނެވެ. ކޮންމެ މަސައްކަތަކީވެސް އަގުހުރި މަސައްކަތެއްކަން އޭނާ އެއަންނަނީ ސާބިތުކޮށްދެމުންނެވެ.

“ކުރާނެ މަސައްކަތް އެބައޮތް ބައިވަރު. ބޭނުންވަނީ ކެރުމާއި ހިތްވަރު،” ޒުވާނުންނަށް ލިރުޣާމް ދޭ މެސެޖަކީ މިއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.