
މިއަދު ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅުވައިގެން ކިހާދޫ ކިޑްސް ޖަމިއްޔާއިން އެރަށުގައި މިއަދު އީދު ހަދިޔާގެ ގޮތުގައި އައިސްކޯން ބަހައިފި އެވެ.

ކިޑްސް ޖަމިއްޔާއިން ބުނީ އީދު ފާހަގަ ކުރުމަށް އެރަށުގެ އެކި ސަރަހައްދުތަކުގައި އީދު ނަމާދަށް ފަހު ހަދިޔާގެ ގޮތުގައި ކުޑަކުދިންނަށާއި ގިނަ އަދަދެއްގެ ބޮޑެތި މީހުންނަށް ވެސް އައިސްކޯން ބަހާފައިވާ ކަމަށެވެ. ހަދިޔާ ބެހުމުގައި ބައިވެރިވީ އެ ޖަމިއްޔާގެ މެންބަރުންނެވެ.

ކިޑްސް ޖަމިއްޔާގެ ރައީސް އިބްރާހިމް ވަސީމް ވިދާޅުވީ ކޮންމެ އީދަކުވެސް ކިޑްސްއިން ހިންގަމުން އަންނަ މިހަރަކާތުގެ މަގުސަދަކީ އީދުގެ އުފަލުގައި ކުދިބޮޑުއެންމެން ބައިވެރިކޮށް އެކުވެރިކަން އާލާކުރުމެވެ.

ކިޑްސް ޖަމިއްޔާއިން ވަނީ މިދިޔަ އަހަރުގެ ފިތުރު އީދާ ގުޅިގެން ވެސް ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފަ އެވެ.

ކިޑްސްއަކީ 2015 ވަނައަހަރުން ފެށިގެން ކިހާދޫގައި ހިނގަމުންއަންނަ ހަރަކާތްތެރި މަދަނީ ޖަމްއިއްޔާއެކެވެ. ކިޑްސްއިން އަންނަނީ ކިހާދޫގައި ގިނަ އިޖްތިމާއި ހަރަކާތްތަކެއް ހިންގަމުންނެވެ.
