ފައިނަލް ބުރުގައި ވާދަކުރުމަށް އޭދަފުށީ ޓީމު ކުޅުދުއްފުއްޓަށް ފުރައިފި

އޭދަފުށި ފުޓްބޯޅަ ޓީމް މިއަދު ކުޅުދުއްފުއްޓަށް ފުރުމުގެ ކުރިން ރަސްމީ ފާލަންމަތީ ފޮޓޯއަކަށް ހުއްޓިގެން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރުމަށް މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށީ ފުޓްބޯޅަ ޓީމު ކުޅުދުއްފުއްޓަށް މީގެ ކުޑައިރުކޮޅެއް ކުރިން ފުރައިފި އެވެ. އޭދަފުށީ ހިމެނޭ ގްރޫޕްގެ މެޗުތައް ކުޅުދުއްފުށީގައި ކުޅޭއިރު މި ގްރޫޕުގައި ދެން ހިމެނެނީ ށ. މިލަންދޫއާއި އއ. މާޅޮހެވެ.

މިއަދު ފުރި ޓީމުގައި އަލަށް ގުޅުނު ކުޅުންތެރީންނާއި މިދިޔަ އަހަރު ކުޅުނު މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވަނީ ބައިވެރިވެފައެވެ. ފައިނަލް ބުރަށް ޓީމު ލިސްޓަށް އިތުރު ކުރީ އަނިޔާގެ ސަބަބުން އަތޮޅު މުބާރާތާއި ޒޯން މުބާރާތުގައި ނުކުޅެވުނު އިތުބާރު ޑިފެންޑަރ އަބްދުﷲ އަބޫބަކުރާއި، އެޓޯލް ޗެލެންޖުގައި ކިހާދޫ ޓީމުން ވިދާލި ޙުސައިން އީމާން (މާނު) އާއި ފެހެންދޫ ޓީމުގެ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ރީހާންގެ އިތުރުން މީގެ ކުރިން ރަށުގެ ގިނަ މުބާރާތްތަކެއްގައި ކުޅެފައިވާ އަޝްރަފް މުޙައްމަދާއި 2015 ވަނަ އަހަރު ޓީމުގެ ގޯލު ބެލެހެއްޓި ހުނަރުވެރި ކީޕަރު އަޙްމަދު ޝާހިދު އެވެ. މިއަހަރުވެސް ބިދޭސީ އެއްވެސް ކުޅުންތެރިއަކު ޓީމުގައި ހިމަނާފައެއް ނުވެއެވެ.

އޭދަފުށީ ފުޓްބޯޅަ ކުޅުދުއްފުއްޓަށް ދިޔުމަށް ލޯންޗަށް އަރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

 

ރަސްމީ ފާލަމުން ޓީމު ފުރިއިރު ކައުންސިލްގެ މެމްބަރުންނާއި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ސަޕޯޓަރުން ބައިވެރިވެ ޓީމަށް ވަނީ ހިތްވަރު ދީފައެވެ. ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އޭދަފުށި ނިކުންނާނީ ކުޅުދުއްފުއްޓާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖުލައި 10 ވަނަ ދުވަހު ށ. މިލަންދޫއާ ވާދަކުރާއިރު ގްރޫޕުގެ ފަހު މެޗުގައި ޖުލައި 12 ވަނަ ދުވަހު ވާދަކުރާނީ އއ. މާޅޮހާއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ގްރޫޕް 2 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގދ. ތިނަދޫގައެވެ. މާދަމާ ކުޅޭ މި މެޗުގައި މުބާރާތް ބާއްވާ ތިނަދޫ ނިކުންނާނީ ދ.ކުޑަހުވަދޫއާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗު ޖުލައި 15 ވަނަ ދުވަހު ކުޅޭއިރު ދެވަނަ ސެމީ ކުޅޭނީ ޖުލައި 16 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ވާ ބުރާސްފަތި ދުވަހުއެވެ.

މިއަހަރުގެ ފައިނަލް ބުރުން ސެމީއަށް ހޮވޭ ހަތަރު ޓީމަށް ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބޭ ގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ހަމަޖައްސާފައެވެ. މި ބަދަލާއެކު ބައެއް ޓީމުތަކުން ވަނީ ބޮޑު ހަރަދުކޮށް ބިދޭސީ ކުޅުންތެރިން ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.