ނިއުރޭޑިއަންޓް ޕްރިމިއާ ލީގާ ގާތަށް ޖެހިލައިފި

އިއްޔެ ހަވީރު ނިއު އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗްގައި ބަންބުޗް ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ | ފޮޓޯ:އިމޭޖަސް.އެމްވީ

އިއްޔެ ހަވީރު އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން މޮޅުވެ، ނިއު ރޭޑިއަންޓުން ދިވެހި ޕްރިމިއަރ ލީގުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ނިއުގެ އާ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން ހަމްޒާ މުހައްމަދު (ހަމްޕު) ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ.
ނިއުގެ ފުރަތަމަ ލަނޑު، މެޗުގެ އަށްވަނަ މިނިޓުގައި އެޓީމުގެ ސްޕެއިން ފޯވަޑް ގަލާޑޯ ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) ގެ ޕާހަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެންޓޭ ވަނީ ޔުނައިޓެޑް ވިކްޓަރީގެ ގޯލާ އަމާޒުކޮށް އޭރިޔާ ބޭރުން ބާރު ހަމަލައެއް ފޮނުވާލާފައެވެ. ނަމަވެސް ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

އިއްޔެގެ މެޗްގައި އަލީ ފާސިރު ބޯޅަ އާއެކި ކުރިޔަށްދަނީ . ނިއު އިން ކާމިޔާބުކުރި 2 ލަނޑުވެސް ކާމިޔާބުކުރީ އަލީ ފާސިރު ތަނަވަސްކޮށްދިން ފުރުސަތުތަކުން | ފޮޓޯ:އިމޭޖަސް.އެމް.ވީ

ދެވަނަ ހާފުގައި ހަމްޕު އާއި އަހުމަދު ސުހައިލް (ބަންބުޗު) ވަނީ ކުޅެން އަރުވާފައެވެ. ނިއުގެ ކުރީގެ ކޯޗް ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ހުރިއިރު މާގިނަ ފުރުސަތުތަކެއް ނުލިބިހުރި ބަންބުޗު ވަނީ އާ ކޯޗުގެ އިރުޝާދުގެދަށުން ކުޅެން ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުންހިފާ، ނިއުއަށް މިސީޒަނުގައި އޭނާގެ ފުރަތަމަ ގޯލު ޖަހާދީފައެވެ. 89 ވަނަ މިނިޓުގައި ސެންޓޭ ނަގައިދިން ކޯނަރަކުން ބަންބުޗު މިލަނޑު ޖެހީ ބޮލުންނެވެ. މީގެ އިތުރުން ވެސް ދެވަނަ ހާފުގައި ސެންޓޭއަށް ވަނީ ލަނޑުޖަހާނެ ހުސް ދެފުރުސަތު ލިބި ނާކާމިޔާބު ވެފައެވެ.

އިއްޔެގެ މެޗްގައި ހަމްޒާ މުހައްމަދު | ފޮޓޯ:އިމޭޖަސް.އެމްވީ

މި މޮޅާއެކު ނިއުރޭޑިއަންޓް ވަނީ ލީގު އެއްވަނައިގައިވާ މާޒިޔާއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ. ޕްރިމިއަރ ލީގުން ޖާގައެއް ކަށަވަރުކުރަން ލީގުގައި ބާކީއޮތް ތިން މެޗުން ނިއުއަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.