މާދަމާގެ މެޗަށް މުހިއްމު ކުޅުންތެރިންތަކެއް އޭދަފުށި ޓީމާއި ގުޅިއްޖެ

އޭދަފުށި ޓީމުގެ މުހިންމު ކުޅުންތެރިތަކެއް ދަރަވަންދޫ އެއާޕޯޓުގައި | ފޮޓޯ: ފޭސްބުކް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި މާދަމާ ހދ. ކުޅުދުއްފުށްޓާއި ކުޅޭ މެޗަށް އޭދަފުށީ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ޓީމާ ގުޅިއްޖެއެވެ. މާދަމާ ހަވީރު ކުޅުދުއްފުށީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް މިރޭ ޓީމާ ގުޅުނީ އިޝާން އިބްރާހީމް (ސައްޓު) އާއި މުޙައްމަދު ފާސިރު (ފާއްޓޭ) އަދި އަޙްމަދު ހަނީފްގެ އިތުރުން މުޙައްމަދު ސިމަން އެވެ. މީގެ އިތުރުން ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ އަޙްމަދު ހުމައިދު އާއި މިދިޔަ އަހަރު މުބާރާތުގައި އަރިމަތިން މޮޅަށް ކުޅުނު ހުސައިން ޝިފާއު ވެސް ވަނީ މިއަދު ހެނދުނު ޓީމާ ގުޅިފައެވެ.

މި ކުޅުންތެރިންގެ ތެރެއިން ސައްޓު އަކީ ޓީމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކުޅުންތެރިޔާއެވެ. ސައްޓު ވަނީ ޒޯން މުބާރާތުގެ ފައިނަލުގައި އޭދަފުށީ ޓީމަށް ދެގޯލް ކާމިޔާބުކޮށްދީފައެވެ. ޢަލީ ފާސިރު (ސެންޓޭ) ގެ ބޭބެ މުޙައްމަދު ފާސިރަކީ ޓީމަށް ގިނަ ގޯލުތަކެއް ކާމިޔާބުކޮށްދީފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. އަޙްމަދު ހަނީފް އާއި އަޙްމަދު ސިމަން އަކީ މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ދެކުޅުންތެރިންނެވެ.

މާދަމާގެ މެޗަކީ ގްރޫޕް އެކެއްގައި ކުޅޭ ފުރަތަމަ މެޗެވެ. މި ދެޓީމާއެކު ދެން މި ގްރޫޕްގައި ހިމެނެނީ ށ. މިލަންދޫއާއި އއ. މާޅޮހެވެ. ފައިނަލް ބުރުގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ގދ. ތިނަދޫއާއި ދ. ކުޑަހުވަދޫ ބައްދަލުކުރާ މިމެޗު ކުރިން ކުޅެން ހަމަޖެހިފައޮތީ މިއަދުއެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން މި މެޗު ވަނީ ކެންސަލް ކޮށްފައެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫގައެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއަރ ލީގުން ޖާގަދޭން އެފްއޭއެމް އިން ވަނީ ނިންމާފައެވެ. މި ބަދަލާއެކު މި މުބާރާތަށް ޓީމުތަކުން ވަނީ ދުރާލާ ތައްޔާރުވެ ޓީމުތައް ވަރުގަދަ ކޮށްފައެވެ.

މާދަމާ ހަވީރު ކުޅުއްދުއްފުއްޓާއި އޭދަފުށި ބައްދަލުކުރާ މެޗްގެ ލައިވް އަޕްޑޭޓް އީޓީ ވެބްސައިޓްއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.