އޭދަފުށީ ޓީމުގެ ފެންވަރު އެނގޭ، މެޗުން މޮޅުވާން މުޅިރަށް އޮތީ ތައްޔާރަށް: ކުޅުދުއްފުށީ ޓީމް

ކުޅުދުއްފުށީ ޓީމުން ލަނޑު ޖެހިމުށްފަހު އުފާފާޅު ކުރަނީ | ފޮޓޯ:ކޭއޯ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އޭދަފުއްޓާއި ދެކޮޅަށް ނިކުންނަނީ ފުޓްބޯޅައިގައި އޭދަފުށީގެ ފެންވަރު އެނގިގެން ކަމަށާއި، މުޅި ރަށުގެ އަމާޒަކީ މިއަދު އޭދަފުށި ބަލިކުރުން ކަމަށް ކުޅުދުއްފުށީ ޓީމުން ބުނެފިއެވެ. “އީޓީ” އަށް ދެއްވި އިންޓަވިއުއެއްގައި ކުޅުދުއްފުށީ ޓީމުގެ ކޯޗު މުޙައްމަދު ދާއޫދު ވިދާޅުވީ، އޭދަފުށި ބަލިކުރެވިއްޖެނަމަ އެކަން ވެގެންދާނީ ފަހުގެ ތާރީހެއްގައި ކުޅުދުއްފުށްޓަށް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީއަށް ކަމަށެވެ.

” އޭދަފުއްޓަކީ އަތޮޅު ފުޓްބޯޅައިގެ ރަސްގެފާނުން. އެވަރު އެނގިގެން މިއަދުގެ މެޗަށް ނިކުންނާނީ. ކޮންމެ މެޗެއްވެސް ދެކެނީ ފައިނަލް މެޗެއްގެ ގޮތުގަ. އޭދަފުށީ ޓީމުގަ ނޭނގޭ ކުޅުންތެރިއަކު ނެތް. މަޖިއްޓޭއާ ސައްޓުއާ ފާސިރު އަދި ލައްޗޭއަކީވެސް މޮޅެތި ކުޅުންތެރިން. އަދި މިދިޔަ އަހަރުގެ ފައިނަލް މެޗު ބެލީމާ އޭދަފުށީ މުޅި ޓީމު ވަރަށް ރަގަޅަށް އެނގޭ ”

މީގެ އިތުރުން ދާއޫދު ވިދާޅުވީ ކުޅުދުއްފުށީ ޓީމުގެ އެންމެ ބޮޑު ބާރަކަށް ވާނީ ސަޕޯޓަރުންކަމަށާއި، މިއަދުގެ މެޗަށް މުޅި ކުޅުދުއްފުށި ދަނޑަށް ދާނެކަމަށެވެ.

” މިހާ ހިސާބަށް ޓީމަށް އާދެވުނީ ސަޕޯޓަރުންގެ ސަބަބުން. އަމިއްލަ ރަށުގައި ކުޅުމަކީ ބޮޑު އެޑްވާންޓޭޖެއް. މިއަދުގެ މެޗުގައިވެސް ސަޕޯޓަރުން މުހިއްމު ދައުރެއް އަދާކުރާނެ. އަޅުގަނޑުގެ އިލްތިމާސްއަކީ ހުރިހާ ސަޕޯޓަރުންވެސް އޭދަފުށީ ޓީމަށް އިހްތިރާމްކޮށް ސަޕޯޓް ކުރުމުގައި ނަމޫނާ ދެއްކުން. މީގެ ކުރިންވެސް ކުޅުދުއްފުށި ސަޕޯޓަރުން ވަނީ އެކަން ދައްކުވައިދީފަ ”

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މިމެޗަށް ތައްޔާރު ކަމަށާއި، ހަމައެކަނި ގޮންޖެހުމަކަށްވީ މުބާރާތަށް ރަގަޅަށް ޕްރެކްޓިސް ނުކުރެވުން ކަމަށް ދާއޫދު ފާހަގަ ކުރިއެވެ. އެއީ ހުރިހާ ޓީމަކަށްވެސް ދިމާވި މައްސަލައެއް ކަމަށާއި، އެކަމުގެ އަސަރު ކުޅުދުއްފުށީ ޓީމުން ނުފެންނާނެ ކަމަށް ޓީމުން ބުނެއެވެ.
މިއަދުގެ މެޗަށް އޭދަފުށީ ޓީމުވެސް އޮތީ ތައްޔާރަށްކަމަށާއި، ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތްކަމަށް އޭދަފުށީ ޓީމުން ބުނެއެވެ. މިމެޗަށް ޓީމުގެ މުހިއްމު ހުރިހާ ކުޅުންތެރިންވެސް ވަނީ ޓީމާ ގުޅިފައެވެ. އޭދަފުއްޓަކީ މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަނުންނެވެ. އަދި މިއަހަރުގެ މުބާރާތުގައިވެސް އޭދަފުށިން ވަނީ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް ބުރުގައި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އޭދަފުށި ވާދަކުރާއިރު 2015 އަހަރުގެ މުބާރާތުން އޭދަފުއްޓަށް ލިބުނީ ތިންވަނަ އެވެ.

ކުޅުދުއްފުށްޓާއި އޭދަފުށި ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 15:50 ގައި ކުޅުދުއްފުށީ ފުޓްބޯޅަ ސްޓޭޑިއަމް ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.