ކުޅުދުއްފުށްޓާ އެއްވަރުކޮށް މާޅޮހުން އުއްމީދު އާކޮށްފި

މިދިޔަ ހުކުރު ދުވަހު މިލަންދޫ އާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން: ފޮޓޯ / ކުޅުދުއްފުށި އޮންލައިން

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި މިއަދު ކުޅުދުއްފުށްޓާއި 0-0 އިން އެއްވަރުކޮށް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ އުއްމީދު އއ. މާޅޮހުން އާކޮށްފިއެވެ.

ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވުމާއެކު މާޅޮސް މިހާރު ވަނީ ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ހޯދާ ގްރޫޕްގެ އެއްވަނަގައި ހަމަޖެހިލާފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަމަ ކުޅުމެކެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅުދުއްފުށީ ޓީމުން ވަނީ ކުރިއަށް އަރައި ގޯލެއް ޖަހަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޒުވާން މާޅޮސް ޓީމު ކުރިމަތީގައި ކުޅުދުއްފުށީ ޓީމަށް މާގިނަ ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވެއެވެ. މެޗުގެ ފަހުކޮޅު މާޅޮސް ޓީމަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ކުޅުދުއްފުށި ކުރިއަށް ޖެހުމުން ލިބުނު ކައުންޓަރ އެޓޭކުތަކުގައި މާޅޮހުން އުފެއްދި ހަމަލާތަކުގެ ހުރަހަކަށް ވީ ފުރަތަމަ މެޗުގައިވެސް މޮޅު ކުޅުމެއްދެއްކި ކުޅުދުއްފުށީ ޓީމުގެ ކީޕަރެވެ. މިއަދު މެޗާއި އެކު މާޅޮހުގެ ފަހަތުން ދެ ޕޮއިންޓާއިއެކު ދެވަނަ ލިބެނީ ކުޅުދުއްފުށްޓަށެވެ. އެއްމެޗު މަދުން ކުޅެފައިވާ އޭދަފުއްޓަށް އެއްޕޮއިންޓް ލިބިފައިވާއިރު ފުރަތަމަ މެޗުން 2-0 ބަލިވެ މިލަންދޫ އޮތީ ގްރޫޕްގެ ފުލުގައެވެ.

ގްރޫޕް ދޭއްގައި މިއަދު ކުޅުނު މެޗުގައި ތިނަދޫ ވަނީ 3-1 ގެ ނަތީޖާއަކުން 2015 އަހަރުގެ މި މުބާރާތުގެ ޗެމްޕިއަން ސ. ފޭދޫ ޓީމު ބަލިކޮށްފައެވެ. މި މޮޅާއެކު އެ ގްރޫޕުން ތިނަދޫއަށް އެއްވަނަ ލިބެނީ ހަތަރު ޕޮއިންޓާއި އެކުއެވެ.

މި މުބާރާތުގެ ގްރޫޕް އެކެއްގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަން އޭދަފުށްޓާއި ށ. މިލަންދޫ އެވެ. ގްރޫޕް ދޭއްގައި ބައްދަލުކުރާނީ ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.