ރޭ ފަތިހު 04:00 ހާއިރު ބޮޑު ތަކުރުފާނުމަގުގައި ޓްރެފިކް ވީސީޕީ ޖަހައި, ވެހިކަލް ޗެކް ކުރަމުރުމުގެ މަސައްކަތްކުރަމުންދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެއްސުމާއި ގުޅިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ޕޮލިސް ކޮންސްޓަބަލް މިޞްބާޙް ޢަބްދުﷲ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައި ފަސްދާނުލައިފިއެވެ.
އަލްމަރްޙޫމް ޕޮލިސް ކޮންސްޓަބަލް މިޞްބާޙް ޢަބްދުﷲގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޛަމްގައެވެ.
މިއަދު ހަވީރު 4:00 ފެށިގެން މަރްޙޫމްގެ މޫނު ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރިއެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުންނާއި ސިޔާސީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާމުން ހިމެނެއެވެ.
ގަލޮޅު ސަހަރާގައި މިރޭ އޮތް ފަސްތާނުލުމުގެ ރަސްމިއްޔާތުގައި ވަގުތީގޮތުން މިނިސްޓަރީ އޮފް ހޯމެ އެފެއާޒް ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރ އަޙްމަދު ޝަފީޢު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒްއާއި ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި ޢާއްމު ރައްޔިތުންގެ އިތުރުން މަރުޙޫމު މިޞްބާޙްގެ ޢާއިލާ ބައިވެރިވެފައި ވެއެވެ.
މިރޭ ގަލޮޅު ސަހަރާގައި ބޭއްވި ރަސްމިއްޔާތުގައި އަލްމަރްޙޫމް ޕޮލިސް ކޮންސްޓަބަލް މިޞްބާޙް ޢަބްދުﷲ އަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމުގެ ގޮތުން އެމަރުޙޫމުގެ ޝަރަފުގައި 3 ބަޑީގެ ސަލާމެއް އަރުވާފައި ވެއެވެ.