ކުރީގެ ކުޅުންތެރިންގެ ހާއްސަ މެޗު އަންނަ ހުކުރު ދުވަހު

އޭދަފުށި ވެޓްރަންސް ޓީމާއި މާލޭ ވެޓްރަންސް ޓީމް އޭދަފުށީގައި ހުކުރު ދުވަހު ކުޅޭ މެޗަށް ތައްޔާރު ވުމުގެ ގޮތުން އޭދަފުށީ ޓީމް ކުޅުނު ޕްރެކްޓިސް މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ސަލްސާ އިންވެސްޓްމަންޓުން ބ. އޭދަފުށީގައި ހުޅުވި “ސަލްސާ ރިޓްރީޓް” ރެސްޓޯރެންޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިރަށުގައި ބާއްވާ ކުރީގެ ކުޅުންތެރިންގެ ހާއްސަ ފުޓްބޯޅަ މެޗު އަންނަ ހުކުރުދުވަހު ހަވީރު އޮންނާނެ އެވެ

ސަލްސާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) އާއި އޭދަފުށީ ވެޓްރަންސް ކްލަބާއި ވެޓްރަންސް ފުޓްބޯޅަ ޖަމިއްޔާއެއް ކަމަށްވާ ސޮކާމޭޓްސް ގުޅިގެން ރާވާ މި މެޗުގައި ދެ ޓީމުގައި ވެސް ކުރީގެ މަޝްހޫރު ތަރިން ކުޅޭނޭ އެވެ.

އެގޮތުން އޭދަފުށީ ޓީމުގައި ހިމެނޭނީ އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ކުޅުނު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ރާއްޖެއަށް ފުރަތަމަ ރިހިމެޑަލް ހޯދައިދިން ޓީމުގައި ހިމެނުނު ޢަބްދުލް ވާހިދު ޙުސައިން އެވެ. މީގެ އިތުރުން އޭރު އޭދަފުށީ ޓީމުގެ ފޯވާޑް ލައިންގައި މޮޅު ކުޅުމެއް ދެއްކި އަޙްމަދު ރިޟާ އާއި އޭދަފުށްޓަށް އުފަން ވިކްޓަރީގެ ކުޅުންތެރިއާ އިބްރާހިމް ފައުޒީ ވެސް މި މެޗުގައި ކުޅޭނެ އެވެ.

ސޮކާމޭޓްސް ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނުން ކަމަށްވާ އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ކަލީމާއި ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު މޯނިންސަން މޫސާމަނިކު (ކުޑަމޫސަ) ހިމެނެ އެވެ. މީގެ އިތުރުން ނިއުގެ ކުރީގެ ކެޕްޓަން އަހުމަދު ނިޔާޒާއި އަލީ ޝަމީމް (ކޮޔަރޭ) އާއި ވެލެންސިއާގެ ކުރީގެ ކުޅުންތެރިއާ ބިންމާ އަބްދުﷲ ވަހީދާއި ގޯލްކީޕަރު އަސްލަމް އަބްދުއްރަހީމާއި 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި އަލީ ސުޒޭނާއި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އަދި އިބްރާހިމް ނާޒިމް (ރޮމޭ) ވެސް މި މެޗުން ފެންނާނެ އެވެ.

މި މެޗު އިންތިޒާމްކުރަނީ އޭދަފުށީ ކައުންސިލާއި ސަރުކާރުގެ އެހެން އިދާރާތަކާއި ރަށުގެ ރައްޔިތުންގެވެސް ވަރަށް ބޮޑު އެއްބާރުލުމާ އެކު ވެސް މެ އެވެ.

އާމިރު ވިދާޅުވި ގޮތުގައި މިއީ ސަލްސާ ރިޓްރީޓް ހުޅުވުމުގެ ގޮތުން އޭދަފުށީ ރައްޔިތުންނަށް ސަލްސާގެ ފަރާތުން ދޭ ހަދިޔާއެކެވެ.

އާމިރު ވިދާޅުވީ މެޗަށް ފަހު އޭދަފުށީ ރައްޔިތުންނަށް ކުރީގެ ކުޅުންތެރިންނާ ބައްދަލުކޮށްލައި ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މެޗު ޓީވީއެމް އިން ލައިވް ކުރާނެ އެވެ. އަދި މި އިވެންޓް ކަވަކުރުމަށް ރާއްޖޭގެ ގިނަ މީޑިޔާތަކުން ބައިވެރިވާނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކެއިންބުއިމުގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި ރެސްޓޯރެންޓް ހުޅުވާފައިވަނީ މިދިޔަ މޭ މަހުގެ 17 ވަނަ ދުވަހު އެވެ. ރެސްޓޯރަންޓް ރަސްމީކޮށް ހުޅުވާނީ މެޗަށް ފަހު ހުކުރު ދުވަހުގެ ރޭ ބާއްވާ ރަސްމިއްޔާތެއްގަ އެވެ.

އޭދަފުށްޓަކީ ފުޓްބޯޅައިގެ ފޯރިގަދަ އަދި މަޝްހޫރު އެތައް ކުޅުންތެރިންނެއް ނެރެފައިވާ ރަށެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.