
ބ. އޭދަފުށީގައި މިއަދު ހަވީރު ކުޅުނު ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ ހާއްސަ މެޗު ފަހަތުން އަރައި 2-1 އިން އޭދަފުށި ބަލިކޮށް މޯލްޑިވްސް ސޮކާ މޭޓްސް މޮޅުވެއްޖެ އެވެ.

އޭދަފުށީގައި ސަލްސާ އިންވެސްޓްމަންޓުން ސަލްސާ ރިޓްރީޓްސް ރެސްޓޯރެންޓް ހުޅުވުމުގެ މުނާސަބަތުގައި މިއަދު ކުޅުނު މި މެޗު ސޮކާ މޭޓްސް ކާމިޔާބުކުރީ މޫސާމަނިކު (ކުޑަމޫސަ) އާއި އަލީ ޝަމީމް (ކޮޔަރު އައްޔަ) ލަނޑުތަކާ އެކު އެވެ.
މި މެޗުގައި ދެ ޓީމަށް ވެސް ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅުނެވެ.

އެގޮތުން މޯލްޑިވްސް ސޮކާ މޭޓްސް ޓީމުގައި ޓކުޑަމޫސަ އާއި އައްޔަގެ އިތުރުން ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި ވިކްޓަރީ އަށް ގައުމީ ތަށި ދެ ވަނަ ފަހަރަށް މިލްކުކޮށްދިން ކެޕްޓަން އިސްމާއިލް އަނިލް ހިމެނެ އެވެ. މީގެ އިތުރުން މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ބިންމާ އަބްދުﷲ ވަހީދާއި އަސްލަމް އަބްދުއްރަހީމާއި އަލީ ސުޒޭނާއި މުހައްމަދު އިބްރާހިމް (ދޮންބެ) އާއި ފަންތޮށި މުހައްމަދު ނާޒިމާއި އަބްދުﷲ ހަސަން (ފިއްލަޑޭ) އާއި އަހުމަދު އިރުފާން ފަދަ ކުޅުންތެރިން ވެސް އެ ޓީމަށް ކުޅުނެވެ.
އޭދަފުށީ ޓީމުގައި ގައުމީ ޓީމުގެ ޑިފެންސް ލައިން 10 އަހަރު ބެލެހެއްޓި މުހައްމަދު ޖަމީލާއި ވިކްޓަރީން ގައުމީ ތަށި މިލްކުކުރިއިރު ކުޅުނު އިބްރާހިމް ފައުޒީ އާއި ވެލެންސިއާގެ ކުރީގެ ހަލުވި ވިންގާ މުހައްމަދު ޒާހިދު (ބައްޓޭ) އާއި އޭދަފުށީ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ކެޕްޓަންކަންކުރި އަބްދުލްމަޖީދު ހަސަނާއި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ރައްޒާގު ހިމެނެ އެވެ.

މި މެޗު ޝަރަފްވެރިކޮށްދެއްވީ ސޮކާ މޭޓްސްގެ ރައީސް އަދި ނިއު ރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކާއި ސަލްސާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު ސަލްސާ އިބްރާހިމް އާމިރުގެ ބައްޕަ އަދި އޭދަފުށީ ފުޓްބޯޅަ ޓީމަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަބްދުލްގަނީ މުހައްމަދާއި އޭދަފުށީ ޓީމުގެ ކުރީގެ ކުޅުންތެރިއާ އަބްދުލްރައްޒާގެވެ.
މިއަދު މެޗުގައި އޭދަފުށިން ލީޑު ނެގީ ޕެނަލްޓީ އަކުން މަޖިއްޓެ ކާމިޔާބުކުރި ގޯލުންނެވެ. ދެ ވަނަ ހާފުގެ 11 ވަނަ މިނެޓުގައި މި ޕެނަލްޓީ ލިބުނީ މަޖިއްޓެ އަށް އޭރިއާ ތެރެއިން އަނިލް ފައުލްކުރުމުންނެވެ.

މަޖިއްޓެ ވަނީ މެޗަށް ފަހު ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އަދި މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން އޭނާގެ ހިދުމަތް ފާހަގަކުރިއިރު އޭދަފުށި ކައުންސިލުން ވަނީ އޭނާގެ އަގުވަޒަންކޮށް ހަނދާނީފިލައެއްވެސް ދީފަ އެވެ.
