
ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ށ. މިލަންދޫ ޓީމަށް އޭދަފުށީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހީމް (ސައްޓު) ގެންގޮސްފި އެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމުގެ ތެރޭ ހިމެނިން ޕްރިމިއާ ލީގުން ފުރުސަތު ހޯދާފައިވާ މިލަންދޫ ޓީމުން ވަނީ ސައްޓުގެ އިތުރުން ގައުމީ ޓީމާއި ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ގެންގޮސްފަ އެވެ.
މީގެ އިތުރުން ވިކްޓަރީގެ ބެންޗުގައި މި ސީޒަން ހޭދަކުރި އިމްރާނުގެ އިތުރުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އާދަމް އިމްރާން (އިންމަ) އާއި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޒެފްރޯލުގެ އިބްރާހިމް ޝިޔާމް (ބިއްލަ) ވެސް ގެނެސްފަ އެވެ.
މިލަންދޫ ކައުންސިލުގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެ ޓީމުން ސައްތައިން ސައްތަ ދިވެހި ކުޅުންތެރިންނާ އެކު ނުކުންނަނީ މާލޭ ލީގުން ޕްރިމިއާ ލީގަށް ހޮވުނު ޓީމުތަކަށް ޗެލެންޖެއްދޭށެވެ. އަދި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި ގައުމީ ފުޓްބޯޅަ މުބާރާތުން ފުރުސަތު ހޯދުމުގެވެސް އަމާޒުގައެވެ.
ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު އަދި ޓީސީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ރަނަރަޕް ގދ. ތިނަދޫގެ އިތުރުން މިލަންދޫ އާއި އއ. މާޅޮހެވެ.

.Buro gadha kae rangalhah kulhey thi dhen ingey