
އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އަނަންތަރާ ކިހަވައް ވިލާސް އަދި ގްރޭންޑް ޕާކް ކޮށްދިއްޕަރުން ކަށަވަރުކޮށްފި އެވެ.
ދެވަނަ ލެގުގައި ޝެރަޓަން މޯލްޑިވްސްއާ ވާދަކޮށް އަނަންތަރާ މިއަދު މޮޅު 3-2 ސެޓުންނެވެ. ސެރަޓަންގައި މިއަދު ހަވީރު އެ ޓީމު ކުޅުނު މި މެޗުގެ ސެޓުތައް ދިޔައީ 25-13، 25-16 އަދި 15-15 އިންނެވެ. އަނަންތަރާގައި ކުޅުނު ފުރަތަމަ ލެގު ސީދާ ތިން ސެޓުން އެ ޓީމު ވަނީ ކާމިޔާބު ކޮށްފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ އަނަންތަރާ އަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
ދެވަނަ ލެގުގައި މިއަދު ކުޅުނު އަނެއް މެޗުން ގްރޭންޑް ޕާކް ކޮއްދިއްޕަރު މޮޅުވީ ކޮންރެޑް ނިޔާމަ އާ ކުޅެ ތިން ސެޓު އެއް ސެޓުންނެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގެ ދެ މެޗެވެ. އެއީ ސޮނެވާފުއްޓާއި ކޮންރެޑް މޯލްޑިވްސް އަދި ބަނޑޮހާއި ޖުމެއިރާ ބައްދަލުކުރާ މެޗެވެ. ސޮނެވާފުއްޓާއި ބަނޑޮސް ވަނީ ފުރަތަމަ ލެގުގެ މެޗުތަކުން މޮޅުވެފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ލެގު މެޗުތައް އޮންނާނީ މި މަހު 25 އަދި 26 ގަ އެވެ. އަދި ދެ ވަނަ ލެގު އޮންނާނީ 27 އަދި 28 ގަ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 31 ވަނަ ދުވަހު އެވެ.
