އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަނަންތާރާ ކިހާވަށް ވިލާސް އިން ހޯދައިފި އެވެ.
މުބާރާތުގެ ފައިނަލުން އެ ޓީމު ފުރުސަތު ހޯދީ ސެމީ ފައިނަލުގެ ދެވަނަ ލެގުން މިއަދު ހަވީރު ގްރޭންޑްޕާކް ކޮއްދިއްޕަރާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އަނަންތަރާގައި ކުޅުނު މި މެޗުގެ ސެޓުތައް ގެންދިޔައީ 25-19، 25-23، 18-25 އަދި 25-19 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި ފަހަރުގެ މުބާރާތުގައި އަނަންތަރާ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގެ ދެވަނަ ލެގުގައި ސޮނޭވާފުއްޓާއި ބަނޑޮސް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ހަވީރު ސޮނެވާފުށީގަ އެވެ.