އުއްމީދީ ކުޅުންތެރިޔާ ނިޝާމް ޒުވާން ގައުމީ ޓީމުގައި

ނިޝާމް

ބޫޓާންގައި މިމަހު 18-27 އަށް ބާއްވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ރާއްޖޭން އެކުލަވާލި ޓީމުގައި އޭދަފުށީގެ އުއްމީދީ ކުޅުންތެރިޔާ ނިޝާމް މުޙައްމަދު ރަޝީދު ހިމެނިއްޖެއެވެ. ޒުވާން ގައުމީ ޓީމާއެކު ނިޝާމް މިއަދު ހެނދުނު ވަނީ ބޫޓާންއަށް ފުރާފައެވެ.

ދަނޑުމަތީގައި ޕޮގްބާގެ ނަމުން މަޝްހޫރުވެފައިވާ ނިޝާމް ވަނީ މާލޭ ލީގުގައި ވާދަކުރި ނިއު ރޭޑިއަންޓް ޓީމުގައިވެސް ހިމެނިފައެވެ.

އުމުރުން 18 އަހަރުގެ ނިޝާމްގެ ކުޅުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މިދިޔަ އަހަރު އޭދަފުށީގައި ބޭއްވި ބޮޑުއީދު ފުޓްބޯޅަ މުބާރާތުގައި އެމް.އޭ ޔުނައިޓެޑްގައި ދެއްކި މޮޅު ކުޅުމާއެކުއެވެ. އެމުބާރާތް އެމް.އޭ ޔުނައިޓެޑުން ކާމިޔާބުކުރިއިރު ނިޝާމް ވަނީ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕް މިދިޔަ އަހަރު އޭދަފުށިން ކާމިޔާބު ކުރިއިރުވެސް ނިޝާމް ވަނީ އޭދަފުށީ ޓީމުގައި ހިމެނިފައެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލް އާއި އިންޑިޔާ އަދި ބަންގްލަދޭޝްގެ އިތުރުން މުބާރާތް ބާއްވާ ބޫޓާން އެވެ. ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު އަދި ތިންވަނަ ޓީމު ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

ޒުވާން ގައުމީ ޓީމުގެ މެޗް ޝެޑިއުލް
ސެޕްޓެމްބަރ 18 ބޫޓާން – ރާއްޖެ
ސެޕްޓެމްބަރ 20 ރާއްޖެ – ބަންގްލަދޭޝް
ސެޕްޓެމްބަރ 22 ރާއްޖެ – ނޭޕާލް
ސެޕްޓެމްބަރ 25 ރާއްޖެ – އިންޑިޔާ

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.