ތުޅާދޫން ގޯތި ދޫކުރުން ލަސްވާތީ ރައްޔިތުން އިހުތިޖާދުގައި!

ބ. ތުޅާދޫ އިން ގޯތި ދޫކުރުން ލަސްވަމުންދާތީ އެރަށު ރައްޔިތުން އިހުތިޖާދު ކުރަމުން އެބަ ގެންދެ އެވެ.

ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް ޒާއިދު ރަޝީދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު ކައުންސިލް އިދާރާ ދޮށަށް އެއްވެ ގޯތި ދޫކުރުން ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ޒާއިދު ވިދާޅުވި ގޮތުގައި ރައްޔިތުން މިއަދު ނިކުތީ މީގެ ހަތް އަހަރު ކުރިން އެ މީހުން ގޯއްޗަށް އެދި ފޯމު ހުށަހަޅައި އޭގެ ޖަވާބެއް ނުލިބުމުން އެކަމާ ކަންބޮޑުވެގެންނެވެ.

ޒާއިދު ވިދާޅުވީ ތުޅާދޫން ގޯތި ދޫކުރުމަށް ކިތަންމެ ބޭނުންވި ނަމަވެސް އެކަމަށް ހައުސިން މިނިސްޓްރީން ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް ހައުސިން މިނިސްޓްރީއާއެކު މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރިނަމަވެސް ބައްދަލުވުން ބާއްވަން ހައުސިން މިނިސްޓްރީން އެޕޮއިންޓްމަންޓް ދީފައި ނުވާ ކަމަށްވެސް ޒާއިދު ވިދާޅުވި އެވެ.

އާބާދީގައި 2970 މީހުން ދިރިއުޅޭ ތުޅާދޫގައި ބިމުގެ ދަތިކަން ކުރިމަތިވެ 2010 ވަނަ އަހަރު 17 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އެހެން ނަމަވެސް މި ތަނުން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން ހުއްދަ ދީފައެއް ނުވެ އެވެ.

ތުޅާދޫ ކައުންސިލުން ބުނީ ހައުސިން މިނިސްޓްރީން ޖަވާބެއް ނުދިނުމުން ރައީސް އޮފީހަށްވެސް މިމައްސަލާގައި ސިޓީއެއް ފޮނުވި ކަމަށާއި މި ސިޓީގެ ޖަވާބުގައި ތުޅާދޫ އިން ގޯތި ދޫކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީއާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައިވާ ކަމަށެވެ.

“މަޝްވަރާ ކުރުމަށް ހައުސިން މިނިސްޓްރީގައި ތަކުރާރުކޮށް އެދެމުންވެސް މިނިސްޓްރީން ދޭ ޖަވާބަކީ އެ ބައްދަލުވުން އިންތިޒާމް ކުރަމުންދާކަމަށް. ނަމަވެސް އެ ބައްދަލުވުން އިންތިޒާމް ކުރަމުންދާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވަނީ ވެފައި. މިނިސްޓަރާއި ބައްދަލުކުރުމަށް މާލެ އައުމުންވެސް ބައްދަލެއްނުވި،” ޒާއިދު ބުންޏެވެ.

މިއަތޮޅުގައި އެމްޑީޕީގެ ތާއީދު އެންމެ ބޮޑަށް އޮންނަ ތުޅާދޫގެ ހުރިހާ ކައުންސިލަރުންނަކީ ވެސް އެމްޑީޕީގެ ކައުންސިލަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.