ދިރާގުޕޭ – ފަސޭހަކަމާއެކު ފައިސާދެއްކޭނެ ޑިޖިޓަލް ވޮލެޓެއް

ދިރާގު ޕޭ ލޯންޗު ކުރުމަށް ހޮޓަލް ޖެންގައި މިއަދު ބޭއްވި ހަފްލާގެ ތެރެއިން — ފޮޓޯ | އަވަސް

ދިރާގުން މިއަދު ދިރާގު ޕޭގެ ނަމުގައި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެއް ތައާރަފްކޮށްފިއެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ އެވެ.

ދިރާގު ޕޭ ތައާރަފްކޮށްފައިވަނީ އެކަމަށް ހާއްސަކޮށް މިއަދު ހެދުނު ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައެވެ. ދިރާގު ޕޭ ރަސްމީކޮށް ތައާރަފްކޮށްދެވީ ހަފްލާގެ ޝަރަފްވެރި މެހެމާން އަދި މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަހްމަދު މުނައްވަރާއި ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދެވެ.

ދިރާގު ޕޭ މަސައްކަތްކުރާގޮތް

ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ މެނޫ ބޭނުންކޮށްގެން އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެކެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެއެވެ.

ދިރާގުޕޭގެ އަނެއް މުހިއްމު ސިފައަކީ ދިރާގު ނޫން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށްވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށްވެސް އޭޖެންޓް މެދުވެރިކޮށް ފައިސާނެގޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމެވެ.
މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ދިރާގުޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ތަކެއްޗާއި ހިދުމަތަށް ފައިސާދައްކަން ފަސޭހަ ވެގެންދިއުން

އާންމު ދިރިއުޅުމުގައި ބާޒާރުކޮށް ހިންގާ ފައިސާގެ މުއާމަލާތްތަކަށް ދިރާގު ޕޭއަކީ ވަރަށް ފަސޭހަ އަދި ރައްކާތެރިގޮތެކެވެ. ދިރާގުޕޭއިން ތަފާތު އެކި ގޮތްގޮތަށް ފައިސާދެއްކިދާނެއެވެ. މީގެ އެންމެ ޓެކނޮލޮޖީގެ ގޮތުން ކުރިއަރާފައިވާގޮތަކީ އެންއެފްސީ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހުންނަ ހާއްސަ އެންއެފްސީ ޕޮސް (ޕޮއިންޓް އޮފް ސޭލް) މެޝިންގައި ފޯން ޖައްސައި ފައިސާދެއްކުމެވެ.

ހަމައެފަދައިން ފޯނުގެ ޔޫ.އެސް.އެސް.ޑީ މެނޫ ނުވަތަ ދިރާގު ޕޭ އެޕް ނުވަތަ ކިޔު.އާރް. ކޯޑް ސްކޭންކޮށްގެންވެސް ދިރާގުޕޭ އިން ފައިސާދެއްކޭނެއެވެ. އޮފީސް ނިންމާލާފަ ގެއަށް ބޭނުންވާ ބައެއް ސާމާނު ފޯނުގެ ޒަރީއާއިން ގަނެލުމަކީ ލުއިފަސޭހަ ޒަމާނީގޮތެވެ. ހަމައެފަދައިން މިސާލަކާށް ޓެކްސީ އަކަށް އަރަން ބަލާއިރު އަތުގައި ފައިސާ ނެތުން ނުވަތަ ކުއްލިއަކަށް ކޭޝް ބޭނުންވެގެން އެޓީ.އެމް.އަކަށް ނުގޮސް ކަންމަތީ ފިހާރައިން ފައިސާ ނަގާލުން ދިރާގު ޕޭ އައުމުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

ކޮންމެ ފޯނަކީ ސްމާޓްފޯނެއް

ދިރާގު ޕޭގައި ބޭނުން ކުރާ އެންއެފްސީއަކީ މިފަދަ ޑިޖިޓަލް ވޮލެޓް ހިދުމަތެއްގައި މިޓެކްނޮލޮޖީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. ގިނަ ސްމާޓް ފޯނުތަކުގައި އެންއެފސީ ކޭޕެބިލިޓީ އެކުލެވިގެންވީނަމަވެސް، އާދައިގެ ފޯން ނުވަތަ ބައްތި ފޯނު ފަދަ ޑިވައިސްތައްވެސް އެކަމަށް ހާއްސަ އެންއެފްސީ ސްޓިކަރއެއް ބޭނުންކޮށްގެން ދިރާގު ޕޭ ގެ ހިދުމަތް ލިބޭނެއެވެ.

ދިރާގު ޕޭ: ފަރުދުންނާއި ވިޔަފާރިތަކަށްވެސް ކަމުދާނެ ހިދުމަތެއް

ދިރާގުޕޭގެ ހިދުމަތް ބޮޑަށް އަމާޒުކުރެވިފައިވަނީ ގޭތެރޭގެ އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ބާޒާރައި ބޭނުންވާ ފައިސާގެ މުއާމަލާތްތަކަށް އިސްކަންދީގެންނެވެ. އެކަސްޓަމަރެއްގެ ވޮލެޓް ސައިޒް ނުވަތަ ދިރާގުޕޭ އެކައުންޓްގައި ފައިސާހުންނަ މިންވަރު ކަނޑައަޅާނީ އެކަސްޓަމަރެކެވެ. ޑިޖިޓަލް ވޮލެޓްގެ ދެ ވައްތަރެއް ހިމެނެއެވެ. ލިމިޓް 1 ނުވަތަ އަވަހަށް ރެޖިސްޓްރީ ކުރެވޭ ވޮލެޓުގައި ގެންގުޅެވޭނީ ގިނަވެގެން 5000 ރުފިޔާއެވެ. ލިމިޓް 2 ގެ ވޮލެޓް ސައިޒުގައި ގެންގުޅެވޭ އެންމެ މަތީ އަދަދަކީ 20،000 (ވިހި ހާސް) ރުފިޔާއެވެ. ލިމިޓް 1 ގެ ވޮލެތް ރެޖިސްޓްރީ 30 ސިކުންތު ތެރޭގައި ފޯނު މެދުވެރިކޮށް ކުރެވޭއިރު ލިމިޓް 2 ގެ ވޮލެޓް ރެޖިސްޓްރީ ކުރެވޭނީ ދިރާގުގެ ކައުންޓަރަކަށް ހާޒިރުވެގެންނެވެ.

ހަމަ އެ އުސޫލުން ދިރާގު ޕޭ އަކީ ވިޔަފާރިތަކަށްވެސް ކަމުދާނެ ޓެކްނޮލޮޖިކަލް އިނޮވޭޝަނެކެވެ. މުއާމަލާތަކަށް ނަގާ ރޭޓް އަގުހެޔޮވުމުގެ އިތުރުން މިފަދަ ޑިޖިޓަލް ކޭޝްގެ ހިދުމަތެއް ފޯރުކޮށްދިނުމަކީ ހިސާބު ބެލުމާއި ކޭޝް ރެޖިސްޓަރ ބެލެހެއްޓުމަށް ލިބިގެންދާނެ ބޮޑުފަސޭހައެކެވެ.
ދިރާގުޕޭ ގެ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 އަށް ވުރެ ގިނަ ވިޔަފާރިން ފޯރުކޮށްދޭނެއެވެ. މިގޮތުން ހިދުމަތްފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯ ހިމެނެއެވެ.

ރައްކާތެރިކަން

އެންއެފްސީގެ އިތުރުން ދިރާގު ޕޭއިން މުއަމަލާތްތައް ކަށަވަރުކޮށް ކަސްޓަމަރުންގެ ފައިސާއަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަނީ ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް އެންކްރިޕްޝަން ސިސްޓަމަކާއި ކަސްޓަމައިޒްޑް މޯބައިލް މަނީ މެނޭޖްމަންޓް ޕްރޮގްރާމެކެވެ. ދިރާގުޕެ މެދުވެރިކޮށް މުއާމަލާތް ކުރާ ކޮންމެ ފަހަރަކު ޕިން ޖެހުމުގެ އިތުރުން ފައިސާ ޖަމާވާ ނުވަތަ އުނިވާ ވަރު އެޕް އަދި އެސް.އެމް.އެސްގެ ޒަރީއާއިން ބެލޭނެ ފަދަ ސެކިއުރިޓީ ފީޗަރސް ހިމެނެއެވެ.

ދިރާގު ޕޭ ބޭނުންކުރުމުން ލިބޭ ފައިދާ

ދިރާގު ޕޭ މެދުވެރިކޮށް ދިރާގުގެ އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމުން ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން ދިރާގު ޕްރީޕެއިޑް ފޯންތައް ދިރާގުޕޭ މެދުވެރިކޮށް ރީލޯޑްކުރުމުން އިތުރު %25 ގެ ބޯނަސް ކްރެޑިޓް ލިބޭނެއެވެ.
ދިރާގު ޕޭގެ ހިދުމަތް ހޯދުމަށް އެޕްލް އެޕް ސްޓޯ ނުވަތަ އެންޑްރޮއިޑް ޕްލޭ ސްޓޯއިން ޑައުންލޯޑް ކުރަން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.