އޭދަފުއްޓަށް މީހުން ބަދަލުކުރިތާ ރަންޔޫބީލް ފާހަގަ ކުރަނީ

ބ. އޭދަފުށި

ބ. އޭދަފުއްޓަށް މީހުން ބަދަލުކުރިތާ ރަން ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވެއްޖެ އެވެ.

ހުޅަނގު ސަރަހައްދުގައި ދިރިއުޅޭ އިސް ރަށްވެހިން ވަފާ ޖަމިއްޔާއާއި ގުޅިގެން ހާއްސަ ކުޅިވަރުތަކަކާއިއެކު، ކުލަގަދަކޮށް މީހުން ބަދަލުކުރިތާ 50 އަހަރުފުރުން ފާހަގަކުރަން ނިންމީ މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ އަށް ނިސްބަތްވާ ގިނަބަޔަކު މިކަމަށް އެދެމުންދާތީ އެވެ.

“މިދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ތައްޔާރުވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. ވަރަށް ފޯރީގައި އެންމެންވެސް ތިބީ، ކޮންމެ ދުވަހަކުކަހަލަ ގޮތަކަށް މިކަމުގެ މަޝްވަރާތައް ކުރިއަށްދޭ. އެގޮތުން އަންނަ އަހަރު އެކި ދުވަސްތަކަށް ބަލާލައިގެން ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށް މަޝްވަރާ ކުރެވެނީ،” މަޝްވަރާތަކުގަިއ ބައިވެރިވި މީހަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި މި އިވެންޓްގެ މައިގަނޑު ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ބޮޑު އީދުގައެވެ.

1992 ވަނަ އަހަރު އޭދަފުށީ އުތުރފަރާތު އަތިރިމަތި

“މީގެ އެންމެ ބޮޑު ބޭނުމަކީ އޭދަފުށީގެ ރައްޔިތުންނާއި ހިޖުރަކުރި ތިން ރަށުގެ ރައްޔިތުން ގުޅިލާމެހި އެއްބައެއްގެ ގޮތުގައި ތިބި ބައެއްކަން ދައްކުވައިދިނުން،”

އޭނަ ބުނި ގޮތުގައި މިހަރަކާތްތައް ކުރިޔަށް ގެންދާނީ އޭދަފުށީގެ ހުރިހާ ރައްޔިތުންނާ ވެސް ގުޅިގެން ކައުންސިލުގެ ބައިވެރިވުމާ ވެސް އެކުގަ އެވެ.

ވަފާއިން ސަގާފީ ކުޅިވަރެއް ހުށަހަޅައިދެނީ

މި ރަށްރަށުން މީހުން ފައިބަންޖެހުނު ހަމަ އެކަނި ސަބަބަކީ، އާބާދީ މަދުވުމެވެ. ހުކުރު ހަމަވާ އަދަދަށް 40 މީހުން ނެތް ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން އެރަށްރަށް ދޫކޮށްލަން އެ ރަށު މީހުންނަށް މަޖުބޫރުވީ އެވެ.

މި ރަށްރަށުގެ ތެރެއިން މާއްޑޫގައި ފުރަތަމަ މީހުން ދިރިއުޅެން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް އެނގޭކަށް ނެތެވެ. އެއީ އަތޮޅުގެ ނިސްބަތުން އާބާދީ ކުޑަ ރަށެއް ނޫނެވެ. މާއްޑޫގެ ގަބުރުސްތާނުންނާއި ބަދަލުވި ގޭގޭގެ އަދަދަށް ބަލާއިރު ވެސް ފާހަގަކުރެވެ އެވެ. ބަދަލުވިއިރު ޖުމްލަ 32 ގޭގައި އުޅުނު މީހުންގެ އަދަދު ހަމަގައިމު ވެސް 200 އަށްވުރެ ގިނަވާނެ ކަމަށް ބެލެވެ އެވެ.

އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ބަދަލުވާން ޖެހޭތީ ބަޔަކު އެކަމާ ހިތާމަކުރި އެވެ. ކަރުނަ އަޅާ ރުއިމީހުން ތިއްބެވެ. ފަންޑިތަހަދައި ދުއާ ވެސް ކުރި އެވެ. ނަމަވެސް އެއީ ތަންކޮޅެއް ދޮށީމީހުންނެވެ. ގިނަ ބަޔަކު އުފާކުރި އެވެ. ބޮޑު އާބާދީއަކާ ގުޅެވުނީމަ އެވެ. އިތުރު ޚިދުމަތްތަކެއް ލިބޭތީ އެވެ. އޭރު ފުނަދޫ، އުނޑޫދޫ މީހުން ވެސް ވަނީ އޭދަފުށްޓަށް ބަދަލުކޮށް ނިމިފަ އެވެ.

ވަފާއިން ސަގާފީ ކުޅިވަރެއް ހުށަހަޅައިދެނީ

މާއްޑޫގެ ފުރަތަމަ އަށް ގޭގެ އާއިލާ ބަދަލުކުރީ ނޮވެމްބަރ 7، 1968 ގައެވެ. ބާކީ ހުރި 24 ގޭގެ މީހުން ބަދަލުކޮށް ނިމުނީ ޑިސެމްބަރ 17، 1968 ގަ އެވެ. ގެތައް އަޅައިދީ ރަށުން މީހުން ގެނައީ އޭދަފުށީގެ މަސްދޯނިތަކުގަ އެވެ. އެ މީހުން ބޭނުންވާ ކޮންމެ އެއްޗެއް ގެނައުމުގެ އިންތިޒާމު ހަމަޖެއްސި އެވެ. ބައެއް މީހުން ގޭގޭ ފާރު ތަޅާލި ގާތަކާއި، ބޮޑެތި ވަޅުބުރި ވެސް ގެނަ އެވެ.

ނަވާރަސަތޭކަ ފަސް ދޮޅަހުގެ އަހަރުތަކުގައި ސަރުކާރުން މީހުން ބަދަލުކުރި ގިނަ ރަށްރަށުން ބަދަލުކުރި ރަށްރަށުގައި ނުތިބެ ފައިބައިގެން ދިޔަ ނަމަވެސް އޭދަފުށީގައި ވަޒަންވެރި ކުރުވި ތިން ރަށުގެ ރައްޔިތުން އޭދަފުށި ދޫކޮށެއް ނުދެ އެވެ. ހަމަހަމަ ފުރުޞަތާއެކު އިޤްތިޞާދީ، އިޖުތިމާއީ، އުމްރާނީ ކުރިއެރުމުގައި ނަސްލީ ތަފާތުކުރުމެއް ނެތި އެންމެންނަކީ މިއަދު އޭދަފުށީ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.