ސެންޓޭގެ ތާޜީޚީ ގޯލާއެކު ނިއު އެއްވަނަ އަށް

މިއަދުގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.– ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހި ފުރަތަމަ ޑިވިޝަން ލީގުގައި ސެންޓޭ ޖެހި 100 ވަނަ ލަނޑާއެކު 1-7 އިން މިލަންދޫ ބަލިކޮށް ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް އަލުން ޖެހިލައިފި އެވެ.

ސެންޓޭ މިއަދުގެ މެޗުގައި ހެޓްރިކެއް ހެދިއިރު މި މޮޅާ އެކު ނިއު ވަނީ އަލުން 21 ޕޮއިންޓާއެކު ލީގުގެ އެއްވަނަ ގައި ހިމެނިފަ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 19 ޕޮއިންޓެވެ.

މިއަދުގެ މެޗުގެ 27 ވަނަ މިނިޓްގައި ސެންޓޭއަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން އޭނާ ލީގުގައި 100 ވަނަ ގޯލް ހަމަކުރިއިރު ދެވަނަ ގޯލު ޖެހީ ފުރަތަމަ ހާފު ނިމެނިކޮށެވެ.

މެޗުގެ 86 ވަނަ މިނިޓްގައި ސެންޓޭ މިއަދު މެޗުގައި ނިއުއަށް ހަތްވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސެންޓޭ މި ލަނޑު ޖެހީ މިލަންދޫ ކީޕަރު ކުޑަ އިންމަ ކައިރިން ނައްޓާލުމަށް ފަހު އެވެ.

މިއަދުގެ މެޗުގައި މިލަންދޫގެ ކުރިއަށް ކުޅޭ ބޯޅަތައް ސައްޓު އަށް ލިބުމުން ނިއުގެ ޑިފެންޑަރުންނަށް ނުރައްކާ ބޮޑުވި އެވެ. އެހެން ނަމަވެސް ސައްޓު އަށް އެޓޭކުގައި އެހީތެރިވާނެ ކުޅުންތެރިއަކު ނެތުމުން ލިބޭ ބޯޅަތަކުގެ ބޭނުމެއް ނުހިފެ އެވެ.

ސެންޓޭ ފުރަތަމަ ޑިވިޝަން ލީގުގައި ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ. އޭނާ 100 ވަނަ ގޯލް ހަމަކޮށްފައި މިވަނީ 151 ވަނަ މެޗުންނެވެ. ފުރަތަމަ ޑިވިޝަން ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދުވަނީ މިހާރު 102 އަށް އަރައިފަ އެވެ.

މިއަހަރުގެ ސީޒަނަށް ބަލައިލާއިރު 27 މެޗުން ސެންޓޭ ވަނީ މުޅިއަކު 13 ލަނޑު ޖަހާފަ އެވެ. އޭގެތެރޭގައި ރާއްގޭގެ ގައުމީ ޓީމަށް ކުޅެދިން 5 މެޗުން ކާމިޔާބުކުރި 3 ލަނޑު ވެސް ހިމެނެއެވެ.

މިއަދުގެ މެޗުގައި ސެންޓޭގެ ފަރާތުން ފެނުނު ހެޓްރިކާއެކު އޭނާގެ ކެރިއަރުގައި މިވަނީ 2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް 137 ގޯލު ކާމިޔާބު ކޮށްފަ އެވެ. އެއީ ކުލަބް އޭވައިއެލް އާއި، ކުލަބް ވެލެންސިއާގެ އިތުރުން، ވިކްޓަރީ އާއި، ޓީސީ އަދި ނިއުރޭޑިއަންޓަށް ކާމިޔާބު ކޮށްދިން 122 ގޯލާއި، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 4 ގޯލުގެ އިތުރުން ސީނިއާ ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައިވާ 11 ގޯލެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަދި ރަންބޫޓް ހާސިލްކުރި ސެންޓޭ މިއީ ނިއު އަށް ކުޅޭ ތިން ވަނަ ފަހަރެވެ. އޭވައިއެލް އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދުނުއިރު ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ތިން ސީޒަނުގައި ނިއު އިން ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދިއިރު ސެންޓޭގެ ދައުރު ވަރަށް ބޮޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.