ތުޅާދޫގައި ހުރި އެމްޑީޕީގެ ހަޓަކަށް ގެއްލުން ދީފި

ގެއްލުން ދިން ބ ތުޅާދޫ ހަޓު — ފޮޓޯ:ރާއްޖެ.އެމްވީ

ބ. ތުޅާދޫ ބަނދަރު ސަރަހައްދުގައި ސިޔާސީ ހަރަކާތް ހިންގާ އެމްޑީޕީގެ ހަޓަކަށް ގެއްލުންދީފި އެވެ.

ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ރާއްޖެ އެމްވީ އަށް ވިދާޅުވީ އެ ހަޓަށް ގެއްލުން ދީފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަޓަށް ބަޔަކު މީހުން ގެއްލުން ދީފައިވާއިރު އެތަނުގައި ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ކައުންސިލްގެ ފަރާތުން އެމްޑީޕީ އަށް ދީފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައި ވަނީ މި މަހުގެ 23 އަދި 24 ވަނަ ދުވަހު ކަމަށް ޒާއިދު ވިދާޅުވި އެވެ.

ހަޓުގައި ހުރި ޓީވީއަށް ގެއްލުންދީފައި– ފޮޓޯ:ރާއްޖެ.އެމްވީ

ޒާއިދު ވިދާޅުވީ ހައްޓަށް ގެއްލުން ދިން އިރު އެތަނުގައި އެމްޑީޕީގެ ތަކެތި ވެސް ހުރި ކަމަށެވެ. އެގޮތުން އެ ހަޓުތެރޭގައި އެމްޑީޕީ އިން ބަހައްޓާފައި ހުރި ސައުންޑް ސިސްޓަމްތައް ހަލާކުކޮށް ބައެއް ތަކެތި މޫދަށް އެއްލާލައި އަދި ހަޓުގައި ބަހައްޓާފައި ހުރި ޓީވީ ވެސް ތަޅާލައި ހަޓަށް ކަޅުތެޔޮ ވެސް ވަނީ ޖަހާފައެވެ.

ޒާއިދު ވިދާޅުވީ އެ ހަޓަކީ އެމްޑީޕީން ހެދި ހަޓެއް ކަމަށާއި ނަމަވެސް ނިމިގެން ދިޔަ ދައުރުގައި ކައުންސިލުން ވަނީ އެ ހަޓް ކައުންސިލްގެ ބެލުމުގެ ދަށަށް ނަގާފައި ކަމަށެވެ.
ހަޓަށް ގެއްލުން ދިން މައްސަލަ ކައުންސިލްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން މިއަދު ހެނދުނު ފުލުހުން އެ ސަރަހައްދަށް އައިސް ތަން ބަލައި ފޮޓޯ ނަގާ ހެދި ކަމަށް ޒާއިދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.